ކުޅިވަރު

ކުއާޓާ ފައިނަލްގައި މިރޭ ހިތަދޫ ދެ ޓީމެއްގެ ކުރިމަތިލުމެއް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ކުއާޓާގެ ތިން ވަނަ މެޗްގައި މިރޭ ހިތަދު އަށް ނިސްބަތްވާ ކަޒިންސް އެފްސީ އާއި އެފްސީ ބޭރުމަތި ބައްދަލު ކުރާނެ އެވެ.

މި ދެޓީމަށް ބަލާއިރު އެފްސީ ބޭރުމަތިން ކުއާޓާގެ ޖާގައެއް ހޯދާފައި ވަނީ ގްރޫޕް ސީ ގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ކުޅުނު 4 މެޗުން 12 ޕޮއިންޓް ހޯދާފައިވާއިރު އެ ޓީމުން ޖުމްލަ 11 ގޯލް ޖަހާފައިވެއެވެ. ބައިކޮޅަށް ވަދެފައި ވަނީ 5 ގޯލެވެ.

ގޯދިއްޔާ ފުޓްސަލް މުބާރާތަށް ނިކުތް ހިތަދޫގެ ޓީމުތަކަށް ބަލާއިރު އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމަކީ އެފްސީ ބޭރުމަތިއެވެ.
 
ހިތަދޫއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިންގެ އިތުރުން، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ކުޅެފައިވާ ކުޅުންތެރިން ވެސް ބޭރުމަތީގެ ޓީމުގައި ހިމެނެއެވެ.

އެފްސީ ބޭރުމަތީގެ ގޯލް ބަލަހައްޓާނީ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވާދަކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޝަރުހާނެވެ. ކްލަބް މޯލްޑިވްސްގައި ބީއެމްއެލްގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ގަބޭ އާއި ސިނާހު ވެސް ބޭރުމަތި ޓީމުން ފެނިގެންދާނެއެވެ.

މުބާރާތުގައި މިހާތަނަށް އެފްސީ ބޭރުމަތިން ކުޅުނު މެޗްތަކަށް ބަލާއިރު އަސްވަދު އާއި ސިނާހުގެ މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން އެ ޓީމުގެ ހަސަން މިފްރާހް(މިއްފާ) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ މުބާރާތުގައި މިހާތަނަށް 4 ލަނޑު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗަށް ވަގުތު ކުޑަތަންވެފައި ވާއިރު ދެ ޓީމުން ވެސް ބުނާ ގޮތުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ ހުރިހާ ވިސްނުމެއް ހުރީ މިރޭގެ މެޗަށް ކަމަށެވެ. އެހެންވެ އެ ޓީމުތަކުން މީޑިޔާގައި ބުނަން އޮތް ހަމައެކަނި ވާހަކަ އަކީ "މިރޭ ބޭނުމީ މޮޅުވާން" ކަމަށެވެ.

މުބާރާތުގެ ކުއާޓާއިން ކަޒިންސް އެފްސީ ޖާގަ ހޯދާފައިވަނީ، ވާދަވެރި ގްރޫޕަކުންނެވެ. ފާއިތުވި 2 އަހަރުގެ ޗެމްޕިއަން އެފްސީ ހަބޭސް އަތުން ގްރޫޕް ސްޓޭޖްގައި ބަލިވި ނަމަވެސް ކަޒިންސް އިން ކުއާޓާ އަށް ގޮސްފައިވަނީ ބާކީ ހުރި މެޗްތައް ކާމިޔާބުކޮށްގެންނެވެ.

ކަޒިންސް އެފްސީގެ ޓީމް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

މިއީ ކަޒިންސް އެފްސީ އިން ތިން އަހަރުގެ ތެރޭގައި ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދި ދެވަނަ ފަހަރެވެ.

ކަޒިން އެފްސީގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެ ޓީމުގެ ގޯލްކީޕަރ އޮއްޕޮއެވެ. އޭނާގެ ފަރާތުން މުބާރާތުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި މުބާރާތުގައި އެންމެ މަދުން ލަނޑު ވަދެފައިވާ ޓީމުތަކުގެ ތެރޭގައި ކަޒިންސް އެފްސީ ހިމެނެއެވެ.

މީގެ އިތުރުން މުބާރާތުގައި މިހާތަނަށް 3 ގޯލް ކާމިޔާބުކޮށްފައިވާ އަހްމަދް ހުސައިން އަކީ ވެސް މި ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

މިރޭގެ މެޗަށް ވަގުތު ކުޑަތަންވެފައި ވާއިރު ދެ ޓީމުން ވެސް ބުނާ ގޮތުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ ހުރިހާ ވިސްނުމެއް ހުރީ މިރޭގެ މެޗަށް ކަމަށެވެ. އެހެންވެ އެ ޓީމުތަކުން މީޑިޔާގައި ބުނަން އޮތް ހަމައެކަނި ވާހަކަ އަކީ "މިރޭ ބޭނުމީ މޮޅުވާން" ކަމަށެވެ.

ހިތަދޫ އަށް ނިސްބަތްވާ މި ދެޓީމު ބައްދަލުކުރާ މެޗް ފަށާނީ މިރޭ، 10 ޖަހާއިރުއެވެ.