Last Updated: June 11, 18:22
Thursday, June 11, 2026
ވިޔަފާރި

ސްރީލަންކަން އެއާވޭޒްގެ ދަތުރުތައް އަންނަ މަހު ގަމަށް!

ސ. ގަމާއި ސްރީލަންކާގެ ކޮލޮމްބޯ އާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް "އައްޑޫ ލައިވް" އަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ އެވެ.

ސްރީ ލަންކަން އެއާވޭޒްގެ އެޖެންޓްކަން ރާއްޖޭގައި ކުރާ ފަރާތަކުން ބުނީ އަންނަ މަހުގެ ތެރޭގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް ދަތުރުތައް ސީދާ ފަށާނެ ތާރީހެއް އަދި ފައިނަލްކޮށްފައި ނުވާ ކަމަށް އެޖެންޓް ބުންޏެވެ.

ދާދި ފަހުން އެ އެއާލައިންގެ ޓީމެށް ވެސް އައްޑު އަށް އައިސް ގަން އެއާޕޯޓްގެ ކަމާ ބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ.
އެ ދަތުރުގައި ސްރީލަންކަން އެއާލައިންސްގެ ޓީމުން ވަނީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕަ އާއި ހެރަތެރެއިގެ އިސްވެރިންނާއި ބައްދަލުކޮށް ދަތުރުތަކާ ގުޅޭ މަޝްވަރާކޮށްފަ އެވެ. އަދި ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބިއައި) ގެ ގޮތްޕަށާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ ބްރާންޗްތަަކަށް ގޮސް އައްޑޫގެ ވިޔަފާރި އާ ގުޅޭ މައުލޫމާތު ހޯދާފަ އެވެ.

އައްޑޫ އިންޓަނެޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ (ޝާޑް) ވިދާޅުވީ ސްރީލަންކަންއިން ގަމާއި ލަންކާ ދެމެދު ދަތުރު ފަށަން މަޝްވަރާކުރެވެމުން އަންނަ އިރު އެކަމަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް އޭއައިއޭއިން ދޭނެކަމަށެވެ. އަދި ލަސްތަކެއް ނުވެ ދަތުރު ފެށޭނެކަމަށް އުއްމީދު ކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގަން އެއާޕޯޓްގެ އެގްޒެކެޓިވް ލައުންޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ ގަމާއި ކޮލޮމްބޯ އާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.