Last Updated: March 29, 02:52
Friday, March 29, 2024
މުނިފޫހިފިލުވުން

ޕްރަބޫދޭވާގެ އާ ފިލްމްގައި ސޫރަޖް ޕަންޗޯލީ

ސަލްމާން ހާން 2015 ވަނަ އަހަރު ޕްރޮޑިއުސް ކުރި "ހީރޯ" އިން ބޮލީވުޑަށް ނިކުތް ޒުވާން އެކްޓަރު ސޫރަން ޕަންޗޯލީ، ޕްރަބޫދޭވާގެ އާ ފިލްމަށް ސޮއިކޮށްފި އެވެ.

އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމަކީ އެކްޝަން ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމް ޕްރޮޑިއުސް ކުރަނީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ޕްރަޝާންތު ގުލްޖަންކަރް އެވެ.

އަދި ބަތަލާއެއް ވެސް ހަމަޖައްސާފައި ނުވާ ފިލްމުގެ ޝޫޓިން ފަށަން ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ހޮލީވުޑްގެ ފިލްމްތަކުން ފެންނަ ކަހަލަ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ދާނެ ފިލްމެކެވެ.

މީގެ ކުރިން ޕްރަބޫދޭވާ ޑައިރެކްޓް ކުރި ސަލްމާން ހާންގެ "ވޯންޓެޑް" އާއި އަކްޝޭ ކުމާރުގެ "ރައުޑީ ރާތޯޑް" އަކީ ވެސް ވަރަށް ވަރުގަދަ އެކްޝަންތަކެއް ހިމެނޭ ފިލްމެކެވެ.

"ހީރޯ" އަށް ފަހު ސޫރަޖްގެ އެއްވެސް ފިލްމެއް ރިލީޒެއް ނުވެ އެވެ. އޭނާ މިހާރު އަންނަނީ ފާރޫގް ކަބީރުގެ "ހާފިޒު" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

މީގެ އިތުރުން ރެމޯ ޑި ސޫޒާގެ ފިލްމަކަށް އަޖޭ ދޭވްގަންއާ އެކު ވެސް ސޫރަޖް ވަނީ ސޮއިކޮށްފަ އެވެ.

ސޫރަޖަކީ އާންމުކޮށް ފިލްމްތަކުގެ ނުބައިބައި ރޯލުން ފެންނަ އަދިތިޔާ ޕަންޗޯލީގެ ދަރިއެކެވެ.