Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވަނީ!

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ފުލުހުންގެ ތަހުގީގުތަކަށް މީހުން ހާޒިރު ކުރުމަށް ފޮނުވާ ޗިޓް ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޮނުވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ފުލުހުން އަލަށް އެކުލަވާލި އާ އުސޫލްގެ ދަށުން މީހަކަށް ފޮނުވާ ޗިޓު އޭނާ އާއި ހަވާލު ނުކުރެވިއްޖެނަމަ ނުވަތަ އެނޫން ސަބަބަކާއި ހުރެގެންވެސް ޗިޓް ރައްދު ނުކުރެވިއްޖެ ނަމަ ސޯޝަލް މީޑިއާގެ ޒަރީއާއިން އެމީހަކަށް ޗިޓް ފޮނުވައި އެމީހަކަށް އެޗިޓް ލިބި، "ޑެލިވާޑް" ނުވަތަ "ސީން" އަރައިފި ނަމަ އެ ޗިޓް ރައްދުކުރެވުނީކަމަށް ބެލޭނެކަމަށް އުސޫލުގައިވެއެވެ.

އަދި އެގޮތަށް އެންގޭ އެންގުންތަކަށް ހާޒިރުވާން ޖެހޭނެ ކަމަށާއި، ރާއްޖޭން ބޭރުގައި ހުރި ނަމަ ހަތް ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރު ވާން ޖެހޭނެކަމަށް އުސޫލްގައިވެއެވެ. އަދި އެމުއްދަތުގެ ތެރޭގައި ނާދެވޭ ނަމަ މަގްބޫލް އުޒުރަކާއި އެކު ފުލުހަށް އަންގަން ޖެހޭނެކަމަށް އާ އުސޫލްގައިވެއެވެ.

ފުލުހުންގެ އާއްމު ގަވާއިދަށް މިފަދަ އިސްލާހެއް ގެނައި އިރު ދާދި ފަހުން ފުލުހުން ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ފަރާތްތަކެއް ފުލުހަށް ހާޒިރުވާން މުއްދަތެއް ދީފައެވެ. އެފަރާތްތަކަށް ޗިޓް ހަވާލު ނުކުރެވުމުން ފުލުހުން އެމީހުން ހާޒިރުވާން އަންގާފައިވަނީ ފުލުހުންގެ ވެބްސައިޓްގައި ޖަހައިގެންނެވެ.

ފުލުހުން ބުނީ މި އިސްލާހަކީ ގާނޫނުލް އުގޫބާތާއި ފުލުހުންގެ ގާނޫނާއި ގަވައިދުތަކުން، ތަހުގީގަށާއި އެހެނިހެން ބޭނުންތަކަށް މީހުން ހާޒިރު ވުމަށް ދީފައިވާ ގާނޫނީ ބާރާއި އިހްތިޔާރު އިތުރަށް ތަފްސީލުކޮށް، އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.