އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތާރުއެޅި މަގުތަކުގައި ސްޕީޑު ބްރޭކަރު އަޅާފައިިވަނީ މިމަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓު މަދުކުރުމަށެވެ.
ދެފަހަރެއްގެ މަތިން ބްރޭކަރު އަޅާފައިވާއިރު ދެވަނަ ފަހަރަށް ބްރޭކަރުތައް އެޅުމުން އެކްސިޑެންޓު މަދުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ފަހަރަށް ބްރޭކަރުތައް އެޅުމުން އޭގެ ކުރިން ބޮޑު މަގުގައި އެކްސިޑެންޓު ހިނގަމުންދިޔަ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ދަށްވެގެންދިޔަކަން ފާހަކޮށްލެވެއެވެ.
ނަމަވެސް ކޮންމެވެސް ބަޔަކު ބްރޭކަރުތަކުން ބައެއް ނައްޓާލައި، ބްރޭކަރުތަކަށް ގެއްލުން ދިނުމުގެ ސަބަބުން ސަރުކާރުން ވަނީ ބްރޭކަރުތައް ނަގައި، ތާރުގަނޑު ކެނޑުމަށްފަހު ކޮންކްރީޓު ފަށަލައެއް އެޅުމަށްފަހު އޭގައި ބްރޭކަރު ހަރުކޮށްފައެވެ. މީގެ ސަބަބުން ކުރިން ދިން ފަދަ ގެއްލުމެއް ދިނުމުގެ ޖާގަ ހަނިވެގެންދާނެއެވެ. ނަމަވެސް އޭގެ ސަބަބުން ބްރޭކަރުތަކުގެ ބޭނުން ކެނޑިގެން ދިޔަ ތަން ފެނިގެންދިޔައެވެ.
ބްރޭކަރުތަކުގެ މަތިން ދުއްވާއިރު ސްޕީޑު ދަށްކުރުމެއް ނެތި ބްރޭކަރު މަތިން އަރައިގެން ދިއުމަކީ ބްރޭކަރު އޮތުމުގެ ބޭނުމެއް ނެތުމެވެ. ނަތީޖާއެއްގެ ގޮތުން ތާރު އެޅި މަގުތަކުގައި އަނެއްކާވެސް އެކްސިޑެންޓު ގިނަވާން ފެށި މަންޒަރު ފެނިގެން ދިޔައެވެ. ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މިއަހަރުވެސް ތިން ޒުވާނަކު ވަނީ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތާރުއެޅި މަގުތަކުގައި އެކްސިޑެންޓު މަދުކުރުމަށް ސަރުކާރުން ކޮށްފައިވަނީ ކޮން ކަމެއްތޯ ބެލުމަށް އެމްއާރްޑީސީގެ އައްޑޫ ސިޓީގެ ގޮފި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ރަޝީދާއި ގުޅާލުމުން މައުލޫމާތު ދީފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހައުސިންގ މިނިސްޓްރީ ގުޅިގެން މަގުތައް އަމާންކުރުމަށް ކުރެވޭނެ ކަންތަކާއި މެދު މަޝްވަރާ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
"ޕޮލިހާއި ހައުސިންގ މިނިސްޓްރީއާއި ވާހަކަ ދައްކަމުން މިހާރު މިދަނީ. ބޮޑުމަގު ދެފަޅިކޮށް މަގުގެ ދެބައި ވަކިކޮށްލުމަކީ އެކްސިޑެންޓު މަދުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް ބެލެވޭ. ބޮޑު މަގުގައި ހިނގާ އެކްސިޑެންޓުތަކަށް ބަލާއިރު ވަރަށް ގިނަ ފަހަރު ފެނިގެން ދަނީ އެއްކޮޅުން ދަތުރުކުރާ އުޅަނދުތައް އޯވަޓޭކްކުރަން އުޅުމުގައި އެކްސިޑެންޓު ހިނގާތަން. ބޮޑު މަގު ދެފަޅި ކޮށްލުމުން އެކަން ހައްލުވާނެ ކަމަށް ލަފާކުރެވޭ"
އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބޮޑުމަގުގައި ގަވާއިދާއި ޚިލާފަށް އުޅަނދުތައް ޕާކުކުރުމުގެ ސަބަބުންވެސް އެކްސިޑެންޓު ހިނގާކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އާގަލާ، މަލްޓީ މާޓް، ނާސްތާ ކެފޭ ފަދަ ތަންތަނަކީ ވަރަށް ގިނައިން ތޮއްޖެހިފައި އޮންނަ ތަންތަން. މީހުން ފިހާރަތަކަށް ވަނުމަށް ދުއްވާފައި އަންނަ ސައިކަލާއި ކާރު ގަވާއިދާއި ޚިލާފަށް ޕާކުކޮށްލާ. މީގެ ސަބަބުން މަގުން ދެން ދަތުރު ކުރާ ފަރާތްތަކަށް މަގުގެ އަނެއް ފަރާތް ނުވެސް ފެނޭ. އަދި އޭގެ ސަބަބުން އެކްސިޑެންޓު ހިނގުމަށް މަގުފަހިވޭ. މިމައްސަލަ ހުއްޓުވުމަށް ޕޮލިހާއި މިދަނީ މަޝްވަރާ ކުރަމުން."
ބްރޭކަރުތަކުގެ ބޭނުން އެދެވޭ ގޮތުގައި ނުހިފެމުންދާ މައްސަލައަށް އަލި އަޅުވާލަމުން އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ ބްރޭކަރު ހަލާކުކޮށްލުމާއި ބޮޑެތި ވެހިކަލްތައް ދުއްވަން ޖެހުމުގެ ސަބަބުން ބްރޭކަރުތައް ނެގުމަށްފަހު، ކޮންކްރީޓު ފަށަލައެއްގެ މަތީގައި ބްރޭކަރު އެޅުމުން ބްރޭކަރުތައް ވަރަށް ބޮޑަށް ތިރިވުމަށް ޖާގަ ލިބުނު ކަމަށެވެ. އޭގެ ސަބަބުން ސައިކަލުތަކުގައި ދަތުރުކުރާ ފަރާތްތަކަށް ސްޕީޑު މަޑުނުކޮށްވެސް ބްރޭކަރު މަތިން އުނދަގުލެއް ނެތި ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމައްސަލަ ހައްލު ކުރުމަށް އެންމެ ފުރަތަމަ އައްޑޫ ލިންކު ރޯޑުގައި އެޅުނު ފަދަ ކޮންކޮރީޓު ބޮޑު ބްރޭކަރުތައް އެޅުމަށް މަޝްވަރާ ކުރާނެ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިވަގުތު ސީދާ މިވެނި ދުވަހެއްގައި މަސައްކަތް ފަށާނެ ކަމަށް ދެންނެވެން ނެތް ކަމަށާއި މިފަދަ ކަންތައްތަކަކީ ވަރަށް ގިނަ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ނިންމޭނެ ކަންތައްތަކަށް ވާތީ މިވަގުތު ސީދާ ތާރީޚެއް ދެންނެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ފުލުހުންނާއި ހައުސިންގ މިނިސްޓްރީއާއި މަޝްވަރާ ކުރުމަށްފަހު އެކްސިޑެންޓު މަދުކުރުމަށް ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް އަބްދުﷲ ރަޝީދު ވަނީ ތަކުރާރުކޮށްފައެވެ.
އައްޑޫ ސިޓީގައި އެކްސިޑެންޓުތައް މަދު ކުރުމަށް ފުލުހުން އިސް ނަގައިގެން "ދުވެލި މަތަ" ނަމުގައި އޮޕަރޭޝަނެއް މިހާރުވެސް ދަނީ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަނުގައި ވެހިކަލްތައް ޗެކް ކުރުމާއި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ ބާރު ސްޕީޑުގައި ދުއްވަނީ މަދު ބައެއް ކަމަށާއި މިހާރު އެމީހުންގެ ތެރެއިން ގިނަ ބަޔަކު ދަނެގަނެވިފައިވާ ކަމަށެވެ. އަދި އެފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.