ހއ. އިހަވަންދޫގައި މިއަދު ހަވީރު މީހަކު މަރާލާފައި އޮތްވާ ފެނުނު މައްސަލައާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިހާތަނަށް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް މީޑިޔާއާ ހިއްސާ ކޮށްފައެއްނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެރަށު އައިސް ޕްލާންޓުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. އޭނާއަކީ އެ ޕްލާންޓުގައި މަސައްކަތް ކުރާ ތިން މީހުންގެ ތެރެއިން އެކެކެވެ.
މިއަދު ހަވީރު 16:15 އެހާކަށްހާއިރު އިހަވަންދޫ ރައްޔިތުންނާއި ފުލުހުން ގުޅިގެން ގެއްލިގެން ހޯދަމުން ދިޔަ ޅ. ހިންނަވަރަށް ނިސްބަތްވާ އިސްމާއިލް އުމަރު، 54، ފެނިފައިވަނީ އިހަވަންދޫ އައިސް ޕްލާންޓުގެ ތެރެއިންނެވެ.
އެރަށުން މައުލޫމާތު ދިން ފަރާތަކުން ކިޔާ ދީފައިވާ ގޮތުގައި އިސްމާއިލް އުމަރަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުންނެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވެފައިވަނީ ވަޅިން ހަމަލާ ދީގެންނެވެ.