Last Updated: June 30, 04:35
Monday, June 29, 2026
ޚަބަރު

ކާށިތެޔޮ: ބަޓަރާއި ގެރީގެ ސަރުބީއާ އެއްވަރަށް ގެއްލުން ބޮޑު

ކާށި ތެލަކީ ގެރީގައި ހުންނަ ސަރުބީ އާއި ބަޓަރު ހާ ސިއްޙަތަށް ގެއްލުންހުރި އެއްޗެއް ކަމަށް އެމެރިކާގެ ހިތުގެ މާހިރުން ބުނެފިއެވެ.

އެންމެ ފަހުން އެމެރިކެން ހާޓް އެސޯސިއޭޝަނުން ނެރުނު ސިއްޙީ ލަފާގައި ބުނެފައި ވަނީ ކާށި ތެލުގައި ގިނަ އަދަދަކަށް ސެޗުރޭޓެޑް ފެޓްސް ހުންނަ ކަމަށާއި، އޭގެ ސަބަބުން 'ނުބައި' ކޮލެސްޓްރޯލް އިތުރުވެގެންދާނެ ކަމަށެވެ.

ކާށި ތެލަކީ އާންމުކޮށް ދުޅަހެޔޮ ކާއެއްޗެއްގެ ގޮތުގައި ފިހާރަތަކުން ވިއްކާ އެއްޗެކެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި ކާށި ތެލުގައި ހުންނަ ސަރުބީ އަކީ އެހެނިހެން ސެޗުރޭޓެޑް ފެޓްސް ތަކަށްވުރެ ސިއްޙަތަށް ރަނގަޅު އެއްޗެކެވެ.

އެހެންނަމަވެސް، އޭއެޗްއޭ އިން ބުނާ ގޮތުގައި އެކަން މިހާތަނަށް އެއްވެސް ދިރާސާއަކުން ސާބިތުކޮށްދީފައި ނުވެއެވެ.

މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ދެން ކާންވީ ފެޓްސް ހުންނަ ކޮންކަހަލަ އެއްޗެހިތޯއެވެ. ޖަނަވާރުތަކުގައި ހުންނަ ސަރުބީ އަކީ އާންމުކޮށް ސިއްޙަތަށް ގެއްލުންހުރި އެއްޗެއް ކަމުގައި ބެލެވޭއިރު، ގަސްގަހާގެހިން ލިއްބައިދޭ ޒައިތޫނި އަދި ސަންފްލާވާ ތެލަކީ ދުޅަހެޔޮ ފެޓްސް ކަމުގައި ޤަބޫލުކުރެވެއެވެ.

އެގޮތަށް ވިސްނާފައި ވަނީ އެތަކެތީގައި ސެޗުރޭޓެޑް ފެޓްސް ހުންނަ މިންވަރަށް ބަލާފައެވެ.

ސެޗުރޭޓެޑް ފެޓްސް އަކީ ސިއްޙަތަށް ގެއްލުންހުރި އެއްޗެއް ކަމަށް ގިނަ ބަޔަކު ބުނާއިރު ވެސް، އެކަމާއި ދެކޮޅު ހަދާ މީހުންވެސް އުޅެއެވެ.

މާގިނައިން ސެޗުރޭޓެޑް ފެޓް ހުންނަ އެއްޗެހި ކެއުމަކީ 'ނުބައި' ކޮލެސްޓްރޯލް ކަމަށް އެލްޑީއެލް ލޭގައި ހުންނަ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ލޭހޮޅިތައް ބަންދުވެ، ހިތުގެ ބަލިތަކަށް މަގުފަހިވެ އަދި ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް އިތުރުކޮށްދެ އެވެ.

އޭއެޗްއޭ އިން ބުނާ ގޮތުގައި ކާށި ތެލުގައި ހިމެނޭ ސަރުބީގެ 82 އިންސައްތަ އަކީ ސެޗުރޭޓެޑް ފެޓްސް އެވެ. އެއީ ބަޓަރު (63%)، ގެރި (50%) އަދި އޫރު (39%) ގައި ހުންނަ މިންވަރަށްވުރެ ވަރަށް ބޮޑު އަދަދެކެވެ.

އެހެނިހެން ސެޗުރޭޓެޑް ފެޓްސްތަކެކޭ އެއްފަދައިން، ދިރާސާތަކުން ދައްކާ ގޮތުގައި ކާށި ތެޔޮ ގިނައިން ކެއުމަކީ 'ނުބައި' ކޮލެސްޓްރޯލް އިތުރުކޮށްދޭ ކަމެކެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކާށި ތެލުގައި އެކިއެކި ވައްތަރުގެ ފެޓްސް ހުރުމުގެ ސަބަބުން އެއީ ދުޅަހެޔޮ ކާއެއްޗެކެވެ. އެހެންނަމަވެސް އޭއެޗްއޭ އިން ބުނާ ގޮތުގައި އެކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވެއެވެ.

އޭއެޗްއޭ އިން ލަފާދޭ ގޮތުގައި ސެޗުރޭޓެޑް ފެޓްސް ކާ މިންވަރު މަދުކޮށް، އަންސެޗުރޭޓެޑް ތަރުކާރީ ތެޔޮ ކެއުމަށް އާދަކުރަން ޖެހެއެވެ.