މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 ޕަސެންޓް މި އަހަރުގެ ޖުލައި މަހުން ފެށިގެން އަތޮޅު ކައުންސިލްތަކަށް ދޫކުރައްވާ ގޮތަށް ހަމަޖެއްސެވުމަށާއި، އެ އަތޮޅެއްގައި ހުރި ފަޅުރަށްރަށުގެ ތެރެއިން ވަރުވާ އަށް ދޫކުރެވިފައިވާ ރަށްރަށުން ނެގޭ ކުލީގެ 50 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ދޫކުރައްވާ ގޮތަށް ހަމަޖައްސަވައިފި ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތައް ހިންގަން ފެށުމާ ގުޅިގެން ދައުލަތުގެ ހިންގުމަށް އައި ބަދަލު، ޤައުމީ ފެންވަރެއްގައި ފާހަގަ ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިންތިޒާމުކޮށްގެން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ކަންކަމުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށާއި، ރަށުގެ ތަރައްޤީއަށް ވެސް އިތުރު ދިރުން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތާނގައި، ކައުންސިލްތަކަށް ސަރުކާރުން އިތުރަށް ދެއްވެން ހުރި ޢިނާޔަތްތަކާއި، ހަމަޖައްސަވައި ދެއްވެން ހުރި ކަންތައްތައް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވި އެވެ.
މީގެ އިތުރުން، ރައްޔިތުންގެ އެކައުންޓްތަކުގައި ހުރި ފައިސާ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމުގެ އުޞޫލުތަކެއް ކަނޑައަޅުއްވައި، އަންނަ އަހަރުގެ ބަޖެޓްގައި، އެ ފައިސާ ހިމަނުއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ލާމަރްކަޒީ ނިޒާމަކީ އަލަށް ތަޢާރުފްވެގެން އައި ނިޒާމަކަށްވުމާ އެކު، މި ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތައް ޙައްލު ކުރައްވައި، ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން، ރައްޔިތުން ބާރުވެރިކުރުވައި، ސަރުކާރުންނާއި ދައުލަތުން ދޭން ޖެހޭ ޚިދްމަތްތައް، ރައްޔިތުންނަށް ވީހާ ވެސް ގާތުން ދެވޭނެ މަގު ފަހިކޮށް ދެއްވުމަށްކަން ރައީސް ހާމަކުރެއްވި އެވެ.
ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ، ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލްތަކާ ދެމެދު އިދާރީ ގޮތުން އޮންނަން ޖެހޭ ގުޅުން ވަރުގަދަ ކުރެއްވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ގުޅުން ވަރުގަދަވެގެން މެނުވީ ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަކަށް ވާސިލެއް ނުވެވޭނެ ކަމަށް ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެލްޖީއޭ އަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް، ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި މުއައްސަސާތަކަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އަދި މި ގުޅުން ވަރުގަދަކޮށް، ކައުންސިލްތަކަށް ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލު ކުރެވޭނީ، ސަރުކާރުގެ އިދާރާތަކާ ފަސޭހަ އިން މުޢާމަލާތު ކުރެވޭނެ ގޮތްތަކެއް ނުވަތަ އިންތިޒާމުތަކެއް ވެސް ހަމަޖައްސައިގެން ކަމަށާއި، މިފަދަ އިންތިޒާމުތަކެއްގެ ތެރެއިން މެނުވީ، ކައުންސިލްތަކުން ޙާޞިލް ކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލް ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދެއްވަންޖެ ހޭ ޚިދްމަތްތައް ދެއްވުމުގައި، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވުމަކީ ވެސް ލާޒިމު ކަމެއް ކަމަށާއި، ލާމަރްކަޒީ ނިޒާމް ރަނގަޅަށް ހިންގުމަށްޓަކައި ސަމާލުކަން ދޭންޖެ ހޭ ވަރަށްބޮޑު ކަމެއް ކަމަށް ވިދާޅުވި އެވެ.
އަދި ސިޔާސީ ފިކުރު އިސްކޮށްގެން، މަސައްކަތް ނުކުރެވޭނެ ކަމަށާއި، ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ގޮތުގައި ކޮށް ދެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ އަހަރީ ފޮތާއި، ކައުންސިލްތަކުގެ ރަށްވެހި ޚިދްމަތްދޭ މިންގަނޑު އަދި ކައުންސިލްތަކުގެ ޚިދްމަތް ލިބިގަތުމުގެ އުޞޫލު، ރައީސް ނެރުއްވައި ދެއްވި އެވެ.