ފާއިތުވި ދެ އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން އެފްސީ ހަބޭސް އިން މި އަހަރުގެ މުބާރާތަށް ނިކުތީ ތަށި މިލްކު ކުރުމުގެ އަޒުމުގައެވެ.
އެފްސީ ހަބޭސް އިން ގްރޫޕް ސްޓޭޖް ނިންމާލީ، ކުޅުނު 4 މެޗް ވެސް ފަސޭހަކަމާއި އެކު ކާމިޔާބުކޮށް ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ހަބޭސް އިން 18 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ 3 ގޯލެވެ.
ހަބޭސް ޓީމުގެ މެނޭޖްމަންޓަކީ ފާއިތުވި 2 އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު ވެސް އޮތް މެނޭޖްމަންޓެވެ. އެއީ ޓީމަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ޔުނައިޓެޑް ފްރެންޑްސް އިން ވެސް މިފަހަރުގެ މުބާރާތަށް ނިކުމެފައިވަނީ، ސީދާ ތަށި ކާމިޔާބު ކުރުމަށް ކަމަށް އެޓީމުން ވަނީ މީގެ ކުރިން ބުނެފައެވެ. ފާއިތުވި 2 އަހަރު ގޯދިއްޔާ މުބާރާތުގެ ސެމީގައި ކުޅުނު މިޓީމުގެ ސްކޮޑަށް ބަލާއިރު، ކްލަބް މޯލްޑިވްސް ޗެމްޕިއަންޝިޕުގެ ގަދަ 5 ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިން އެ ޓީމުގައި ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިިވިޝަންގައި އައިއެފްސީ އާއި ކްލަބް ވެލެންސިއާ އަށް ކުޅުނު އަޙްމަދު ޝާފިޢު (ޝާޓީ) އަކީ މި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ޝާޓީ އަކީ އައްޑޫގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ކެޕްޓަނެއްގެ ގޮތުގައި އެކި ޓީމުތަކާއި އެކު ކާމިޔާބު ހޯދާފައިވާ ކުޅުންތެރިއެކެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 2 ވަނަ ހޯދައިގެން ކުއާޓާގެ ޖާގަ އެއް ހޯދި ޔުނައިޓެޑް ފްރެންޑްސް އިން 13 ގޯލް ޖަހާފައިވާައިރު ބައިކޮޅަށް ވަދެފައި ވަނީ 6 ގޯލެވެ.
ހަބޭސް އާއި ޔުނައިޓެޑް ފްރެންޑްސް ވެސް ތަށި ހޯދުމުގެ އަމާޒުގައި މުބާރާތަށް ނިކުތުމަކީ، މިރޭގެ މެޗް ފޯރިގަދަވާނެ އެއް ސަބަބެވެ.
ހަބޭސް އާއި ޔުނައިޓެޑް ފްރެންޑްސްގެ މެޗް ފަށާނީ މިރޭ 10 ޖަހާއިރުއެވެ.