ޚަބަރު

ހިތަދު އާއި ފޭދޫގެ ވާދަވެރިކަން މިރޭ ފެންނާނެ!

އައްޑޫގެ ފުޓްބޯޅަ ތާރީހަށް ބަލާއިރު އެންމެ ބޮޑު ވާދަވެރިކަމެއް އަބަދުވެސް އޮންނަނީ ހިތަދޫ އާއި ފޭދޫ އަށް ނިސްބަތްވާ ޓީމުގެ ތަކުގެ މެދުގައެވެ.

އައްޑޫގައި މިހާތަނަށް ބާއްވާފައިވާ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކުގައި ވެސް އެންމެ ކާމިޔާބު ޓީމުތައް ނިސްބަތްވަނީ ފޭދޫ އާއި ހިތަދޫ އަށެވެ. ކާމިޔާބީގެ ތިލަަފަތް ފޭދޫ ކޮޅަށް ބަރުވިޔަސް، މި ދެ ރަށުގެ މެދުގައި އޮންނަ ފުޓްބޯޅައިގެ ވާދަވެރިކަން އަދިވެސް ހަމަ އެގޮތުގައި އެބައޮތެވެ.

ހިތަދޫ އަދި ފޭދޫގެ ރައްޔިތުން ބުނާ ގޮތުގައި ދެރަށުގެ ޓީމުތަކުގެ މެދުގައި ކުޅޭ ކޮންމެ މެޗަކީ، މޮޅުވާން މަޖުބޫރުކަން މެޗެއްގެ ގޮތުގައި އިހްސާސްކުރެވޭ މެޗެއް ކަމަށެވެ.

2017 ވަނަ އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި މަލްޓި ޖީނިއަސް ސިޓީ އާއި ފްރެންޑްސް ކްލަބް ބައްދަލުކުރާ މެޗަކީ، އަނެއްކާވެސް ފުޓްބޯޅައިގައި ހިތަދޫ އާއި ފޭދޫގެ ވާދަވެރިކަން ފެނިގެންދާނެ މެޗެކެވެ.

މަލްޓި ޖީނިއަސް ސިޓީ

މަލްޓި ޖީނިއަސް ސިޓީގެ ކުޅުންތެރިން. ފޮޓޯ: އިބްރާހިމް އަބްދުﷲ / އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތް ބާއްވަން ފެށި ފަހުން ކޮންމެ އަހަރަކު ވެސް އެ މުބާރާތުގައި ބައިވެރިވަމުން އަންނަ މަލްޓި ޖީނިއަސް އިން މިފަހަރު ކުއާޓާގެ ޖާގައެއް ހޯދީ ގްރޫޕް ބީގެ 2 ވަނަ ޓީމުގެ ގޮތުގައެވެ.

ހިތަދޫ އުސްގަނޑަ ސަރަހައްދަށް ނިސްބަތްވާ މި ޓީމުން މިފަހަރުގެ މުބާރާތަށް ނިކުތީ އެހެން ފަހަރުތަކާއި ޚިލާފަށް ރަށުން ބޭރުން ބައެއް ކުޅުންތެރިން ގެނެސް ޓީމް ވަރުގަދަކޮށްގެންނެވެ.

މަލްޓި ޖީނިއަސް ސިޓީގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ މުޅި އައްޑޫ އެ ކުޅުންތެރިޔަކަށް ޓަކައި ފަޚުރުވެރިވާ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ.

މީގެ އިތުރުން މުބާރާތުގެ އެ ޓީމަށް 3 ގޯލް ޖަހައިދިން އިބްރާހިމް އާޒިމް އާއި އަލީ މަފާޒް އަކީ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ. އަދި އިންޓަރ ސްކޫލް މުބާރާތުން ފާހަގަކުރެވުނު އުއްމީދީ ކުޅުންތެރިޔާ ހާޒިމް ފައުޒީ ފާހަގަކޮށްލެވެއެވެ.

ފްރެންޑްސް ކްލަބް

ފްރެންޑްސް ކްލަބް: ފޮޓޯ: އިބްރާހިމް އަބްދުﷲ/ އައްޑޫލައިވް

2010 ވަނަ އަހަރު އުފެއްދި ފްރެންޑްސް ކްލަބަކީ، އައްޑޫގެ ފުޓްބޯޅައިގައި އާ ނަމެއް ނޫނެވެ. ފާއިތުވި އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ރަނަރަޕް ހޯދި މި ޓީމުން މިފަހަރު ކުއާޓާގެ ޖާގައެއް ހޯދީ، ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް ސްޓޭޖްގައި ފްރެންޑްސް ކްލަބުން 31 ގޯލް ޖަހާފައިވާއިރު މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ޓީމަކީ ވެސް މިއީއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނެނީ މި ޓީމުގެ 2 ކުޅުންތެރިންނެވެ.

އެއީ އެއީ މި ޓީމުގެ އިބްރާހިމް މުބީން އާއި މުހައްމަދު ރިއްފަތެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިހާތަނަށް 11 ގޯލް ޖަހާފައެވެ.

މީގެ އިތުރުން ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ކުޅެފައިވާ އިޝާން އިބްރާހިމް (ސައްޓު) އާއި މުޙައްމަދު ރިއްފަތު (ރިއްޕެ) ކްލަބް އީގަލްސްގެ ރިހާމް އަބްދުލް ޣަނީ (ބޮބީ) އަކީ ވެސް މި ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ.

މޮޅުވާނީ ކޮން ޓީމެއް؟

ގޯދިއްޔާ މުބާރާތުގެ ތާރީޚަށް ބަލާއިރު ފްރެންޑްސް ކޮޅަށް ބުރަވިޔަސް، މިރޭގެ މެޗް އެޓީމަށް ވެސް ފަސޭހައެއް ނުވާނެއެވެ. މަލްޓި ޖީނިއަސް ސިޓީގެ މެނޭޖަރ ނާޒާ އަކީ، އައްޑޫގެ ފުޓްބޯޅައިގައި މެނޭޖަރެއްގެ ގޮތުގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ ފަރާތެކެވެ. މީގެ އިތުރުން ޝަމްވީލް ޤާސިމް ބޮންޑާގެ ތަޖުރިބާ އަކީ ވެސް މިރޭ ފްރެންޑްސް ކްލަބާއި ދެކޮޅަށް މަލްޓި ޖީނިއަސް އަށް މުހިއްމު އެއްޗަކަށް ވެގެންދާނެއެވެ.

އަނެއްކޮޅުން ބަލާއިރު ފްރެންޑްސް ކްލަބްގެ އިބްރާހިމް ލުޠުފީ (ހަންޑާ) އަކީ އައްޑޫގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އައްޑޫގައި ފުޓްބޯޅައަށް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުން ފަރާތަކަށް ވެފައި އޭނާގެ ތަޖުރިބާ އަކީ މިރޭ ފްރެންޑްސް ކަލަބަށް ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެއެވެ.

ނޮކްއައުޓް ސްޓޭޖްގެ މެޗަކަށް މިރޭ މަލްޓި ޖީނިއަސް އަދި ފްރެންޑްސް ކަލަބް ނިކުންނައިރު، ރަށު ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މިދެ ޓީމުން ވެސް ބުނާ ގޮތުގައި މި މުބާރާތުގައި މިހާތަނަށް ހޯދި ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ސަޕޯޓަރުންގެ އެވެ. އެހެންވެ ދެ ޓީމުން ވެސް އެދެނީ ވީހާވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން މިރޭ ދަނޑަށް އައުމަށެވެ.

މަލްޓި ޖީނިއަސް އަދި ފްރެންޑްސް ކަލަބް ބައްދަލުކުރާ މެޗް ފަށާނީ މިރޭ 11 ޖަހާއިރުއެވެ.