Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

ސާކް ސަމިޓްގެ ގިނަ ހަރަދުތައް ގާނޫނާ ހިލާފް: އޮޑިޓަ ޖެނެރަލް

އައްޑު އާއި އާއި ފުވައްމުލަކުގައި ނޮވެމްބަރު 10-11 އަށް ބޭއްވި 17 ސާކް ސަމިޓަށް ބޮޑެތި ހަރަދުތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާކަން ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓަ ޖެނެރަލް ނެރުއްވި އެ މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓުން ރިޕޯޓްގައިވާ ގޮތުން ސާކް ސަމިޓަށާއި ފުވައްމަލަކުގެ އެއާޕޯޓް ހުޅުވުމަށް އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ބެނާއެއް ހަދަން 52،771ރ. ވަނީ ފޯއްމުލަކު އަތޮޅު ކައުންސިލަށް ފޮނުވާފަ އެވެ.

އެހެން ނަމަވެސް އެ ފައިސާ އަކީ ބަޖެޓް ކުރެވިފައިވާ ފައިސާއަކަށް ނުވާ އިރު އެ ހަރަދުކުރުމަށް ފިނޭންސްގެ ހުއްދައެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގައި އާޓް އެގްޒިބިޝަނަކާއި ފުޅަނދު ބުރެއް ބޭއްވުމަށް ދެ ޖަމްއިއްޔާއަކަށް 211،165ރ. ހަރަދުކޮށްފައިވާ އިރު އެއީ ވެސް ފިނޭންސްގެ އެއްވެސް ހުއްދައެއް ނެތި ދޫކޮށްފައިވާ ފައިސާ ކަމަށް ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން އިއުލާން ކުރުމެއް ނެތި، މާލިއްޔަތު ގަވާއިދާ ހިލާފަށް ސާކް ސަމިޓްގެ ތެރެއިން ކުރުވާފައިވާ މަސައްކަތްތަކެއްގެ ތަފްސީލް ވެސް ރިޕޯޓްގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ސާކް ސަމިޓާ ދިމާކޮށް ޖުމްހޫރީ ދުވަސް ފާހަގަ ކުރަން އައްޑޫ ސިޓީ ސްކްޔާގައި ރައީސް ގައުމާ މުހާތަބުކުރައްވަން ބޭއްވި ހަފްލާގެ ސައުންޑް ހަމަޖެއްސުމަށް 36،225ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި އައްޑޫ ސްކަޔާގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަށް ވެސް 20،700ރ. ހަރަދުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހަމައެއާ އެކު ސާކް ސަމިޓާ ދިމާކޮށް ޖުމްހޫރީ ދުވަހު އައްޑޫގައި ބޭއްވި ހަފްލާއަކަށް ވަޑައިގަތް 1،000 މެހެމާނުންގެ ރިފްރެޝްމަންޓަށް ބައި ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ މަސައްކަތްތަކުގެ ކޮންޓްރެކްޓެއް ވެސް ފެންނަން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ސޮއި ކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓްގައި އެ ފައިސާ ހަރަދުކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އެޅުމަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާ ދެއްވާފަ އެވެ.