Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ޔާމީން ރަޝީދުގެ ގާތިލުންގެ ވަނަވަރު އާއްމުކޮށްފި

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން: ފުލުހުން

އައްޑޫއަށް ނިސްބަތްވާ ޒުވާން ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސ.ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް ކަމަށެވެ.

ފުލުހުން ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުން ހަތް މީހަކު ހައްޔަރުކޮށްފައި އެބަ ތިއްބެވެ. އަދި ޔާމީންގެ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް ހުރި މީހުންނެވެ.

"ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ތަހުގީގަށް އެކުލަވައިލި ހާއްސަ ޓީމުން ގެންދިޔައީ، މައްސަލަ ރިޕޯޓް ކުރެވުނު ވަގުތުން ފެށިގެން ތަހުގީގަށް ބޭނުންވާ ހެއްކާ ގަރީނާ ހޯދައި، މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ފުލުހުން ދިޔައީ ސުވާލު ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ މަރުގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުގައި މާލޭގެ އެކި ތަންތަނުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައި ހުރި ފުލުހުންގެ ސީސީޓީވީ ހުރިހާ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1،850 ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒް ކުރި ކަމަށެވެ.

އޭގެ އިތުރުން 20-40 އަހަރުގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކުރި ކަމަށާއި ކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިދާރާތަކުގެ ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ވެސް ހޯދާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި މި ކަމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް މިހާރު ވެސް ތަފާތު އުނދަގޫތަކާއި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން މި ހާދިސާއާ ގުޅުން ހުރި މައުލޫމާތުތައް، ތަހުގީގާ ގުޅުން ނެތް ފަރާތްތަކުން އެ ބައެއްގެ އަމިއްލަ ރައުޔު މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރުމުންނާއި ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށް ކުރިމަތިވަމުން ދިޔަ ހުރަސްތަކުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ.

"ނަތީޖާއެއްގެ ގޮތުން، ގާނޫނީ ވަކީލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ޖެހިފައިވެ އެވެ." ބަޔާނުގައި ބުންޏެވެ. "މި ދެންނެވި ދަތިތަކާއި ހުރަސްތައް ފުލުހުންނަށް ކުރިމަތި ކުރުވި ނަމަވެސް، ފުލުހުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ފުލުހުންގެ މުއައްސަސާގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމަށެވެ. މި ގޮތުން މި ނުބައި އަމަލު ހިންގި ހުރިހާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ މިހާރު ވަނީ ހޯދިފަ އެވެ."

އެހެންވެ މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.