Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ރޯދަ ރަހަ: ރޯލްސް

މަސްގަނޑަށް ބޭނުންވާ ތަކެތި:

1 ދަޅު މަސް
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު ހިކަނދިފަތް
2 ޖޯޑު ގްރީން ޕީސް
1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
2 މޭޒުމަތީ ސަމުސާ ތަރުކާރީ ތެޔޮ
ލޮނު

މަސްގަނޑު ތައްޔާރު ކުރާނެ ގޮތް:

ތަވައަކަށް ތެޔޮ އަޅާފައި އުނދުން މައްޗަށް އުދާލުމަށް ފަހު އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ހިކަނދިފަތް، މިރުސް އަދި ލޮނު އަޅާފައި މީރުކޮށްލާށެވެ. ފިޔާގަނޑު ރަތްވަންދެން ދޭފަތުން ހަލަމުން ގެންދާށެވެ.
އެއަށް ފަހު އޭގެ ތެރެއަށް ގްރީން ޕީސް އަޅާފައި އެއްކޮށްލާށެވެ. ދެތިން މިނެޓަށް ކެއްކުމަށް ފަހު މަސްދަޅު ވެސް އަޅާލާށެވެ. ހުރިހާ އެއްޗެއް ރޯފިލަންދެން ރަނގަޅަށް ދޭފަތުން ހަލަމުން ގެންދާށެވެ. އެއަށް ފަހު އުނދުނުން ބޭލުމަށް ފަހު ހިހޫވަންދެން ބަހައްޓާށެވެ.

ފުށްގަނޑަށް ބޭނުންވާ ތަކެތި:

3 ޖޯޑު ފުށް (ފުރާނާފައި)
1/3 ޖޯޑު ތަރުކާރީ ތެޔޮ
1 ސައިސަމުސާ ލޮނު
ހޫނު ފެން

ފުށްގަނޑު ތައްޔާރު ކުރާނެ ގޮތް:

ފުށް، ލޮނު، ތެޔޮ އަދި ފެން އެއްކޮށްލުމަށް ފަހު ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ. ދެން ކުޑަ ފުށްގުޅަ ހަދާށެވެ. އެއަށް ފަހު ކޮންމެ ގުޅައަކުން ރޮށި ދަމާށެވެ.

* ރޯލްސް ތައްޔާރު ކުރާނެ ގޮތް:

ކޮންމެ ރޮށްޓެއްގެ މެދަށް ގާތްގަނޑަކަށް ދެ ސައިސަމުސާ މަސްގަނޑު އެޅުމަށް ފަހު، ރޮށީގެ ދެކޮޅު އޮޅާލާށެވެ. ދެން އަނެއް ދެކޮޅު އެއްކޮޅުން އަނެއްކޮޅަށް އޮޅާލާށެވެ.

ރޯލްސްގެ ކޮޅުތައް ނުހުޅުވޭނެހެން ތަތްކުރުމަށްޓަކައި ކުޑަ ފެންފޮދެއް ބޭނުން ކުރާށެވެ. އެއަށް ފަހު ތެލުލާނީ އެވެ.