Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެންމެ ދެކުނަށް އުދުހުމުގެ ހުއްދައެއް އަދިވެސް ފްލައިމީ އަށް ނުލިބޭ!

ފްލައިމީން އައްޑޫ އާއި ފުވައްމުލަކަށް ވައިގެ ދަތުރު ފެށުމުގެ ހުއްދައަކަށް އެދިފައިވީ ނަމަވެސް އަދިވެސް އެ ހުއްދަ އެ އެއާލައިންއަށް ނުދީ ލަސް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އައްޑޫ އަތޮޅު ގަމާއި މާލެ އަދި ފުވައްމުލަކަށް ދަތުރު ކުރުމަށް ފްލައިމީން ތައްޔާރުވެ ސިވިލް އޭވިއޭޝަނަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މުއްދަތު ފާއިތުވެ ދިޔައިރުވެސް ހުއްދަ ނުލިބިގެން ފްލައިމީއަށް ވަނީ ދަތުރު ނުފެށިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިމީއަށް ދަތުރު ނުފެށިގެން އުޅެނީ ސިވިލް އޭވިއޭޝަނުން ހަދައިދޭންޖެހޭ ސްޓޭޝަން ފެސިލިޓީ އިންސްޕެކްޝަން ނުހެދި އޮތުމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް ސިވިލް އޭވިއޭޝަނުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ފްލައިމީން ގަމާއި އައްޑޫ އަދި ފުވައްމުލަކަށް ދަތުރު ފެށުމަށް ތައްޔާރު ވަމުން އަންނަ ވާހަކަ މީޑިއާގައި ހިއްސާ ކުރުމާއި އެކު އެތައް ސަތޭކަ ބަޔަކު ވަނީ އަގުހެޔޮކޮށް ދަތުރު ކުރުމަށް ރިސަވޭޝަން ހެދުމަށް ގުޅާފައެވެ. ނަމަވެސް ރަސްމީ ހުއްދަ ނުލިބޭތީ އެއާލައިން އިން ޓިކެޓް ނުވިއްކައެވެ.

ހާއްސަކޮށް ފިޠުރު އީދާއި ދިމާކޮށް ދަތުރުކުރުމަށް ޕްލޭން ކުރި މީހުންނަކަށް ފްލައިމީން މިހާރު ދަތުރު ނުކުރެވޭނެކަން ވަނީ ޔަގީންވެފައެވެ.

ފްލައިމީން މީގެ ކުރިން ގަމަށް ދަތުރުކޮށްފައިވަނީ ކޮޅަަކަށް އެންމެ 888 ރުފިޔާއަށެވެ. މީގެ ސަބަބުން އެތައް ބަޔަކަށް މަންފާތަކެއް ކުރިއެވެ.

ފްލައިމީން ގަަމަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތައް ނުފެށި ލަސްވާތީ ސުވާލު ކުރުމުން އެއާލައިންގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސީދާ ދުވަހެއް އަދި ދަންނަވަން ނޭގޭ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ދަތުރު ފެށުމަށް އެ އެއާލައިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.

ފްލައިމީން ވަނީ ނިމިގެން ދިޔަ ހަފްތާ ތެރޭގައި އެއާޕޯޓްގެ ގްރައުންޑް އޮޕަރޭޝަންއަށް ބޭނުންވާ މުވައްޒަފުންނާއި އިންޓަވިއުކޮށްފައެވެ.

ގަމަށް ފްލައިމީގެ ދަތުރުތައް ނުފެށި ދިގުލައިގެން އަންނައިރު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ގަމަށް ސްރީލަންކަންގެ ދަތުރު ބޭއްވުމަށްވެސް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން އިމިގްރޭޝަނުން ދޭން ޖެހޭ ހުއްދަތަކާއި ކަސްޓަމް ހުއްދަ ނުލިބިގެން އެތައްކަމެއް ލަސްވިއެވެ. އަދި މިއަދާއި ހަމައަށްވެސް ކަންކަން ކުރެވެމުން އަންނަނީ ވަރަށް ދަތިކޮށްކަން ފާހަގަކޮށްލެވެއެވެ.