ޚަބަރު

އިހަވަންދޫން ބިދޭސީންނަށް އެޅި ފިޔަވަޅު ކުށްވެރިކޮށްފި

މިދިޔަ ހުކުރު ދުވަހު ހ.އ އިހަވަންދޫގައި އަނިޔާވެރި ގޮތަކަށް އެރަށު އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުންދިޔަ އިސްމާއިލް އުމަރު މަރާލުމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން އެރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީންނާއި ދެކޮޅަށް އެޅި ފިޔަވަޅު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިހަވަންދޫ ކައުންސިލުން އެރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީންނަށް އެޅި ފިޔަވަޅަކީ ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީ އިން ރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ މުއާހަދާތަކާއި ޚިލާފު ނިންމުމެއް ކަމަށެވެ.

ޓްރާންސްޕޭރެންސީ އިން މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮންމެ މީހެއްގެ ފުރާނައަކީވެސް ކަރާމާތްތެރި އެއްޗަކަށް ވީހިނދު އިސްމާއިލް އުމަރުގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމަށާއި ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ އެންމެހާ ކަމެއް ކުރުމަށް ގޮވާލާ ކަމަށެވެ.

ނަމަވެސް ބައެއް ފަރުދުން ކުރާ މިފަދަ އަމަލުތަކުގެ ސަބަބުން ވަކި ނަސްލެއްގެ، ވަކި ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ގެނައުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ ޓްރާންސްޕޭރެންސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިސްމާއިލް އުމަރުގެ މަރާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވާއިރު އޭނާ މަރާލި ކަމަށް ހައްޔަރުކުރި ބިދޭސީ މީހާ ވަނީ ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައެވެ.

އޭގެ ސަބަބުން އެރަށު ކައުންސިލުން ވަނީ އެރަށުގައި ދިރިއުޅޭ ހުރިހާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ޖަމާއަތް ހަދައިގެން ތިބުން ވަކި ދުވަހެއްގެ ވަކި ވަގުތަކަށް މެނުވީ މަނާކުރުމާއި ވަކި ގަޑިތަކުގައި ބޭރުގައި އުޅުން މަނާކުރުން ހިމެނިގެންގޮސްފައިވެއެވެ.