Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އިސްމާއިލް ރަޝީދުގެ އާއިލާ އިން ނެރުނު ބަޔާން ފުލުހުން ދޮގުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ބުނާ މ. ޠާއިފް، އިސްމާއިލް ރަޝީދު ފްރޭމްކޮށްފައިވާ ކަމަށް ބުނެ އޭނާގެ އާއިލާ އިން ނެރުނު ބަޔާން ފުލުހުން ދޮގުކޮށްފި އެވެ.

ރަޝީދުގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ ހެކިވެރިއަކަށް ވުމަށް އިސްމާއިލަށް ފުލުހުން ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން ހުށަހެޅި އެ ހުށަހެޅުންތަކަށް އެއްބަސްވެއްޖެ ނަމަ "ހަމަ ތި އާއިލާއާ ހަމައަށް، ގެނައި ގޮތަށް އޭނާ ހަވާލު ކުރާނެ" ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އިސްމާއިލްއަށް "ޓޯޗަރ" ކުރަމުން އަންނަކަމަށް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން އާއިލާއިން ޑެޕިއުޓި ކޮމިޝަނަ އޮފް ޕޮލިސްއާއި ބައްދަލު ކުރުމަށް ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާ ނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހެއްގެ ފޮޓޯ އާއި ވަނަވަރު ރޭ ފުލުހުން ވަނީ އާއްމުކޮށްފައެވެ.