Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

ރޯދަ ރަހަ: ސޫޖީ

* ބޭނުންވާ ތަކެތި:

½ ޖޯޑު ސެމޮލީނާ (ރަވާ)
½ ޖޯޑު ކަނަމަދު (ކޮށާފައި)
1 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
½ ޖޯޑު މޭބިސްކަދުރު
2 މޭޒުމަތީ ސަމުސާ ގިތެޔޮ
½ ދަޅު ގެރިކިރު
1 ½ ޖޯޑް ހަކުރު (ފޮނިކުރަން ބޭނުންވާ މިންވަރަކަށް)
5 ކާފޫރު ތޮޅި
2 ރާންބާ ފަތް
6 ޖޯޑު ފެން

* ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ގިތެޔޮ އަޅާފައި އުނދުން މައްޗަށް އުދާފައި، އޭގެ ތެރެއަށް ފިޔާ އަދި ރާންބާ ފަތް އަޅާފައި މަޑުގިނީގައި މީރުކުރާށެވެ. ރާންބާ ފަތް މޯޅިވީމާ އޭގެ ތެރެއަށް މޭބިސްކަދުރު، ކާފޫރު ތޮޅި އަދި ކަނަމަދު އަޅާފައި ދޭފަތުން ހަލަމުން ގެންދާށެވެ.

ހުރިހާ އެއްޗެއް މީރުވީމާ ދެން ސެމޮލީނާ އަޅާފައި މަޑު ގިނީގައި އެއް މިނެޓް ވަންދެން ދޭފަތުން ހަލަމުން ގެންދާށެވެ. އެއަށް ފަހު ހަކުރާއި ފެން އެޅުމަށްފަހު ހަލަމުން ގެންދާށެވެ.
ހަކުރު ރަނގަޅަށް ގިރުނީމާ، ގެރިކިރު އަޅާފައި މެދު ގިނީގައި ކައްކަމުން ގެންދާށެވެ. ސޫޖީ ގަނޑުނުވާނެހެން، ބޯން ފަސޭހަ ވަރަށް އޮލަވަންދެން ވީހާވެސް ގިނައިން ދޭފަތުން ހަލަމުން ގެންދާށެވެ.

އެއަށް ފަހު އުނދުން މަތިން ބާލާށެވެ. ބޭނުން ނަމަ ހޫނުކަން މަތީ އެހެން ނޫނީ ފިނިކޮށްގެން ސޫޖީ ސާވް ކުރެވި ދާނެ އެވެ.