Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިންޑިއާގައި 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

ރޭޕްއާއި ދެކޮޅަށް ތައްޔާރު ކޮށްފައިވާ ޕޯސްޓަރެއް

އިންޑިއާގެ ބިހާރްގައި އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައި ރޭލަކުން އެއްލާލައިފާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ އަންހެން ކުއްޖާ ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި ދެ ފިރިހެނުން ވަނީ ލަކިސަރާއި އަވަށުގައި ހުންނަ އެކުއްޖާގެ ގެ ކައިރިން އެކުއްޖާ ވަގަށް ނެގުމަށްފަހު، ވަރަށް އިހާނެތިކޮށް އޭނާ ރޭޕްކޮށްފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ދެ ފިރިހެނުން ވަނީ ދެން އެކުއްޖާ ގޮވައިގެން ރޭލް ސްޓޭޝަނަށް ގޮސް، އެތަނުން ރޭލަކަށް އަރާފައެވެ. އެ ރޭލު ތެރޭގައި އިތުރު ތިން މީހުންވެގެން އެކުއްޖާ ވަނީ ގޭންގް ރޭޕް ކޮށްފައެވެ.

އެކުއްޖާ ދަނީ ސީރިއަސް ޒަޚަމްތަކަކަށް ފަރުވާ ހޯދަމުން ކަމަށް ފުލުހުންނާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރެއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ޝައްކު ކުރެވޭ އެކަކު ހައްޔަރު ކޮށްފައެވެ.

އެކުއްޖާ ރޭލުން ބޭރަށް އެއްލާލާފައިވާ އޮށްވާ ފެނިފައި ވަނީ އާންމުންގެ ބަޔަކަށެވެ. އެއަށްފަހު އެމީހުން ވަނީ އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުން ޕަޓްނާގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލަށް އެކުއްޖާ ވަނީ ގެންގޮސްފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެކުއްޖާއަށް ވަނީ ވަރަށް ބޮޑެތި އަދި ސީރިއަސް ޒަޚަމްތަކެއް ވެފައެވެ.

ސީނިއާ ޕޮލިސް އޮފިސަރ އެސްކޭ ސިންގަލް އާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި އެކުއްޖާ ރޭޕްކުރި މީހުންގެ ތެރެއިން މަދުވެގެން ދެ މީހުންނަކީ އެކުއްޖާ ދަންނަ އަދި އެކުއްޖާ ދިރިއުޅޭ އަވަށަށް ނިސްބަތްވާ މީހުން ކަމަށެވެ.

ދިއްލީގެ ބަހެއްގެ ތެރޭގައި 2012 ވަނަ އަހަރު އަންހެން ޖުއްޖަކު ރޭޕްކޮށް މަރާލި މައްސަލައަށްފަހު އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތަކަށް ދަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުންނެވެ.

އެހެންނަމަވެސް، އިންޑިއާގެ އެކި ސަރަޙައްދުތަކުން އަދިވެސް އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް އެކިއެކި ޖަރީމާތައް ހިންގާ ކަމުގެ ރިޕޯޓްތައް ކުރެވެއެވެ.