Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ސުމެއިދު އެބަ ހޯދަން: ޕޮލިސް/އެމްއެންޑީއެފް

މި މަހުގެ 4 ވަނަ ދުވަހު ހަވީރު ކުޑަ ލޯންޗެއްގައި މަސްވެރިކަމުގައި ނިކުމެ އުޅެނިކޮށް ޝަންގްރިއްލާ ކައިރީ ކަނޑަށް ވެއްޓި ގެއްލިފައިވާ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމެއިދު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފް އަދި ފުލުހުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސުމެއިދު ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ބޯޓުތައް ބޭނުންކޮށްގެންނާއި އަދި ހެލިކެޕްޓަރުން ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ޑައިވަރުން ބޭނުން ކޮށްގެން ސުމެއިދު ގެއްލުނު ސަރަހައްދުގެ ކަނޑު އަޑިވެސް ބަލަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ސުމެއިދު ހޯދުމުގެ މަސައްކަތުން މިހާތަނަށް އޭނާގެ ފޯނު ފެނުން ފިޔަވައި އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގް ކުރަމުން އަންނަ އިރު ސުމެއިދު އާއި އެކު އެދުވަހު މަހަށް ދިޔަ ދެމީހުންގެ ބަޔާން ނަގައި އަދި އެމީހުން މަހަށް ދިޔަ ލޯންޗް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުން ބުނެފައި ވަނީ ލޯންޗް ބަންޑުން ޖަހާލި ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.