Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކަދުރު އައްޑު އަށް ނުލިބި ހުސްވެއްޖެ

ސައޫދީ އަރަބިއްޔާއިންނާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ޝިޕްމަންޓް އައްޑޫ ރައްޔިތުންނަށް ނުލިބި ހުސްވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި އެސްއެމްއެސްއެއްގައި ބުނެފައިވަނީ "ކައުންސިލްތަކަށް ހަދިޔާ ކުރުމަށް މިނިސްޓްރީއަށް ލިބިފައިވާ ކަދުރު ޝިޕްމެންޓްތައް ހުސްވެފައިވާ ވާހަކަ ނުހަނު ހިތާމަ އާއި އެކު ދަންނަވަން" ކަމަށެވެ.

ކަދުރު ނުލިބޭ ވާހަކަ ލިޔެ މިނިސްޓްރީން އެސްއެމްއެސް ކޮށްފައިވަނީ ބޭރުގެ ނަންބަރަކުންނެވެ. އެ ނަންބަރުގައި އެމްވީ އިސްލާމް ޖަހާފައި އޮތުމުން އެއީ އިސްލާމިކް މިނިސްޓްރީން ކުރި އެސްއެމްއެސް އެއްތޯ ކައުންސިލުން މިއަދު ވަނީ ޔަގީން ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް އެސްއެމްއެސްއަކުން ކައުންސިލަށް އެންގި އިރު މޭއި 25 ވަނަ ދުވަހު ކުރެއްވި އިއްލާނެއްގައި ބުނެފައިވަނީ ސައުދީ އަދި ޔޫއޭއީގެ ސަރުކާރުން ލިބުނު ކަދުރު ލިބިފައިވާ ކަމަށާއި، މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އަދި އަތޮޅުތަކުގެ ރަށް ތަކަށް ކަދުރު ބަހާނީ، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. އަދި ގޭބިސީތަކަށް ކަދުރު ބަހާނީ އެގޭބިސީގެ ސައްހަކަން ބަޔާންކޮށްދޭ ލިއުން ހިފައިގެން އައުމުން ކޮންމެ ގޭބިސީ ލިއުން ބެލުމަށް ފަހު އެ ގޭބިސީއަކަށް 1 ޕެކެޓް މަގުންނެވެ.

މިނިސްޓްރީގެ އިއްލާނުގައި ބުނެފައިވަނީ މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، ހައުސިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށާއި އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

މާލެ ސިޓީ ފިޔަވައި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ކަދުރު ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީގެ އިއްލާނުގައި ބުނެފައިނުވެއެވެ.

ކަދުރު އައްޑޫ ރައްޔިތުންނަށް ނުލިބި ހުސްވުމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ސާފުވާ ގޮތް ނުވެފައެވެ.