ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން މިއަދު "އޮސްޓް ރިފްރެޝަ" ޕްރޮގްރާމެއް ފަށައިފި އެވެ.
މި މަހުގެ 25، 26 އަދި މާޗް 1 އަށް ބަހާލައިގެން އައްޑޫ ޕޮލިސް ޓްރޭނިން ސްކޫލްގެ ޑްރިލް ސްކެއާގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރި ވަނީ މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ ”އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަންގައި ހަރަކާތްތެރިވާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނެވެ.
މި ރެފްރެޝަ ޕްރޮގްރާމްގައި ބިޑި މުގުރު ބޭނުން ކުރުމާއި، މީހުން ހިފާ ހައްޔަރު ކުރުމުގައި ބޭނުން ކުރާ ތަފާތު ޓެކްނިކްސްތައް މުތާލިއާ ކުރެވިފައި ވެ އެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ ބިޑި މުގުރު ބޭނުން ކުރުމުގައި ޤަވައިދާ އެއްގޮތަށް ބޭނުން ކުރުމަށް ބާރު އެޅުމަށާއި، މީހުން ހިފާ ހައްޔަރު ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތަށް ހުރިހާ ފުލުހުން ވެސް އަމަލު ކުރުމަށް ބާރު އެޅުމެވެ.
މިފަދަ އިތުރު ޕްރޮގްރާމްތައް އައްޑޫ ސިޓީ ޕޮލިސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށް އޮތް ތާގައި ފުލުހުންނަށާއި އާއްމުންނަށް އަމާޒުކޮށްގެން ހިންގުމަށް ވަނީ ހަމަޖައްސާފަ އެވެ.