Last Updated: June 23, 11:19
Tuesday, June 23, 2026
ޚަބަރު

އަދީބް ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ: އޭޖީ

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދޫނިދޫގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުއްދަ ދީފި ނަމަ ފިލާފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވިދާޅުވެފައި ވަނީ އެހެން ކޮންމެ ރައްޔިތެކޭ އެއް ފަދައިން އަދީބަށް ވެސް ލިބެން ޖެހޭ ހައްގުތައް ސަރުކާރުން ކަށަވަރުކޮށް ދޭނެ ކަމަށެވެ.

އެހެން ނަމަވެސް އަދީބު ބޭރަށް ފޮނުވައި ފިނަމަ ސަރުކާރަށް އޭގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އަނިލް ވިދާޅުވިއެވެ.

އެހެންކަމުން އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުން ދޫނިދޫއަށް ޑޮކްޓަރުންނާއި ބޭނުންވާ ތަކެތި ގެނެސްގެން ބޭސް ކުރަން ޖެހުނަސް އެކަންވެސް ސަރުކާރުން ކުރާނެ ކަމަށް އަނިލް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ޚިޔާނާތާއި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ފުރާނަފުޅު ދުއްވާލުމަށް މަސައްކަތް ކުރި ކަމަށާއި މީގެ އިތުރުންވެސް އަދީބުގެ އެހެން މައްސަލަތަކެއްވެސް އަދިވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އަނިލްވަނީ ފާހަގަކޮށްފައެވެ.

އަދީބުގެ މައްޗަށް މިހާރުވެސް ޖުމުލަ 33 އަހަރުގެ ޖަލު ހުކުމް ކުރެވިފައިވާއިރު އޭނާ ވަނީ މީގެ ކުރިން ކޯޓުގެ ހުކުމްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދީބު ވިދާޅުވެފައިވަނީ ހުކުމް އޮންނަނީ ކުރިން ލިޔެވިފައި ކަމަށާއި މިއީ ބޮޑު ޖޯކެއް ކަމަށެވެ. ލޮލުގެ ބައްޔާއި އިތުރު ބައެއް ބަލިތައް ޖަލުގައި ހޭދަކުރަމުންދާ ދުވަސްތަކުގެ ތެރޭގައި އަދީބަށް ޖެހިވަޑައިގެންފައިވާއިރު އަދީބުގެ ވަކީލުން ވަނީ ބަލިތަކަށް ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާދިނުމަށް ތަކުރާރުކޮށް އެދިފައެވެ.