އެކި ގޮތް ގޮތުން ސަރުކާރަށް ލިބެން ޖެހޭ 4.5 ބލިއަން ރުފިޔާ ނުލިބިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެފައިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެފައިސާވީ އެންމެ އަވަހަކަށް ހޯއްދެވުމަށް ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް ވިދާޅުވީ އޭގެ ތެރެއިން ބައެއް ފައިސާ ތަކަކީ ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ތަކާއި އަދި ދައުލަތުގެ އެކި މުވައްްސަސާތަކުން ގާނޫނާއި ގަވާއިދާއި ހިލާފަށް ކޮށްފައިވާ ހަރަދުގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އަދަދުތައް ކަމަށެވެ.
އަނިލް ވިދާޅުވީ ޓެކސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބިގެން މިހާތަނަށް 17 ފަރާތެއްގެ އެކައުންޓް ފްރީޒް ކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން ބައެއް މައްސަލަތައް ޝަރީއަތަށް ހުށަހެޅިފައިވާކަން ވެސް އަނިލް ފާހަގަކުރެއްވިއެވެ.
ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ލިބެން ޖެހޭ ކަމަށް ސަރުކާރުން ބުނެފައިވާއިރު ރިސޯޓްތައް ކުއްޔަށްދީގެންނާއި އެހެނިހެން ގޮތް ގޮތުން ސަރުކާރަށްލިބިފައިވާ ފައިސާ ތަކުގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ގައި މި ސަރުކާތުގެ ދެވަނަ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް ވަނީ ކޮށްފައެވެ. އަދީބް އެމްއެމްޕީއާރްސީގެ ފައިސާ މަޖްލިސް މެމްބަރުންނާއި އެހެނިހެން ފަރާތްތަކަށް ބެއްސެވި ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ