ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު އިނގިރޭސިވިލާތުގެ އެއާޕޯޓެއްގައި ބަންދުކޮށްފި އެވެ.
ޖާބިރުގެ އަނބިކަނބަލުން ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދު ވިދާޅުވެފައި ވަނީ ޖާބިރު ބަންދު ކުރެވިފައި ވަނީ އޭނާގެ ޕާސްޕޯޓް ކެންސެލްކޮށްފައި އޮތުމުގެ ސަބަބުންނެވެ.
އެހެންނަމަވެސް ދިޔާނާ ވިދާޅުވެފައިވަނީ ޖާބިރުގެ ޕާސްޕޯޓު ކެންސެލް ކޮށްފައިވާ ކަމެއް އެނގިފައިނުވާ ކަމަށެވެ. ޕާސްޕޯޓު ކެންސެލް ކޮށްފައިވާކަން އެނގިފައިވަނީ އިނގިރޭސިވިލާތުގެ ގެޓެވިކް އެއާޕޯޓުގައި ޖާބިރު ބަންދުކުރުމުންނެވެ.
ޖާބިރު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ އިޓަލީގައި ހުރުމަށްފަހުގައެވެ. ދިޔާނާ ވިދާޅުވެފައިވަނީ މިމައްސަލާގެ ސަބަބުން ގެޓެވިކް އެއާޕޯޓުން ޖާބިރު އަނބުރާ ފޮނުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޖާބިރު ހޯދުމަށް އޭނާ މާލޭގައި ދިރިއުޅޭ ގެއަށް މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ފުލުހުންގެ ޓީމެއް ވަނީ ގޮސްފައެވެ. ނަމަވެސް ޖާބިރު ދިރިނޫޅޭކަމަށް ބުނުމުން ފުލުހުން އަނބުރާ ގޮސްފައިވާ ކަމަށް ދިޔާނާ މައުލޫމާތު ދީފައިވެއެވެ.