Last Updated: June 23, 11:19
Tuesday, June 23, 2026
ޚަބަރު

އަދީބު ފަރުވާ އަށް ބޭރަށް ނުފޮނުވާތީ މައްސަލަ މަޖިލީހަށް ހުށައަޅައިފި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބް އަބްދުލްޣަފޫރުގެ ސިއްހީ ފަރުވާ އަށް ބޭރަށް ފޮނުވުމަށް އެދުމުން ސަރުކާރުން ނުފޮނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ބޭސް ފަރުވާ ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އަދީބަށްވެސް އެހައްގު ލިބިދޭން ޖެހޭ ކަމަށެވެ.

އަދީބަށް ޖެހިފައިވާ ނުރައްކާތެރި ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާ އަކީ ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުމަށް އަސަރު ކުރާ ފަދަ ބައްޔެއް ކަމަށާއި އެތެރެހަށީގެ ސިސްޓަކީ ފަރުވާ ނުކުރެވިއްޖެނަމަ ކެންސަރަށް ބަދަލުވާފަދަ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ރިޔާޒް ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ހާލަތެއްގައި ކުރީގެ ނައިބު ރައީސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރުވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީ ވަމުންނުދާ ކަމަށާއި އެފަރާތްތައް ޒިންމާދާރު ކުރުވުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށް ރިޔާޒް ވަނީ ސިޓީގައި ބުނެފައެވެ.

އަދީބުގެ ބޭސްފަރުވާއާއި ގުޅިގެން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ބޭރަށް ނުފޮނުވައިގެން އުޅެނީ ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ނަމަވެސް އަދީބުގެ ވަކީލުން ވަނީ ފިލާކަށް މަސައްކަތް ނުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.