މިދިޔަ މަހުގެ 17 ވަނަ ދުވަހު ފުލުހުން އައްޑޫގައި ފެށި "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އޮޕަރޭޝަނުގައި އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށްފައި ވަނީ ވެސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައިކަން ފާހަގަކޮށްލެ ވެ އެވެ. އެހެން ނަމަވެސް އަތުލައި ގަނެވުނު މަސްތުވާތަކެއްޗާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގެ ސަބަބުން އައްޑޫގައި ކުށް ކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ކޮންޓްރޯލް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން އައްޑު އަށް މަސްތުވާކެތި ވަންން ދޮރުތައް ކަމަށްވާ ވައިގެ މަގާއި ކަނޑުމަގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ގަން އެއާޕޯޓް ކޮމްޕެނީ އާއި ހިތަދޫ ސަރަހައްދީ ބަނދަރާއި އައްޑު ސިޓީ ކައުންސިލާ ބައްދަލުކޮށް، މަޝްވަރާކޮށްފަ އެވެ.
ވަޔާއި ކަނޑުގެ މަގުގެ ސިކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން އެ ފަރާތްތަކުން މަޝްވަރާކޮށްފައިވެ އެވެ. އަދި ހާއްސަ ގޮތެއްގައި މަސްތުވާތަކެތި ސްކްރީން ކުރެވޭނެ އިންތިޒާމްތަކެއް ގަން އިންޓަނޭޝަނަލް އެއަޕޯޓުގައި ޤާއިމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވެ އެވެ.