Last Updated: June 11, 18:22
Thursday, June 11, 2026
ސިޔާސީ

ޖޭޕީގެ ކޮންގްރެސް މެއިގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދެވަނަ ޤައުމީ ކޮންގްރެސް އަންނަ މެއި މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ޖުމްހޫރީ މާލަން މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މެއި މަހު ކޮންގްރެސް ބާއްވަން ނިންމެވި ނަމަވެސް ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންގްރެސް ބާއްވާ ތާރީހާ ހަމައަށް ދެވޭ އިރު ޖުމްހޫރީ ޕާޓީން އަތޮޮޅުތަކަށް ދަތުރުކޮށް ޕާޓީ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ކޮންގްރެސް އަށް ފުރިހަމައަށް ތައްޔާރު ވެވޭނެ ކަމަށެވެ.

ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާކަން ފާހަގަ ކުރައްވައި ޤާސިމް ވިދާޅުވީ އެ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައި މަޤާމުތައް ކާމިޔާބު ކުރުމަށް ސިޔާސީގޮތުން ކުރިއަށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ވެސް ފުރުސަތު އޮތް ކަމަށެވެ.

ޖޭޕީގެ ލީޑަރު ކަމުގެ މަޤާމަށް ވެސް އެ ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތި ލެއްވުމަށާއި ކޮންމެ ބޭފުޅަކު އެ މަޤާމު ކާމިޔާބު ކުރެއްވި ނަމަވެސް އެ ބޭފުޅެއްގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.

ހަތަރު ވަނަ އަށް ރާއްޖޭގައި މެމްބަރުން އެންމެ ގިނަ ޖޭޕީގެ ފުރަތަމަ ޤައުމީ ކޮންގްރެސް ބާއްވާފައި ވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.