ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޒަމާނީ ފުރޮޅުލީގޮނޑިތަކެއް ހަދިޔާކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިފަހަރު އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހިނގާ ނޫޅެވޭ ކުދިންނަށެވެ.
ބީއެމްއެލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ މިއަހަރުގެ އީދާއި ދިމާކޮށް "ޢީދުވެދުން" ގެ ނަމުގައި އެ ބޭންކުން އިންތިޒާމް ކުރި ކަމެއް ކަމަށެވެ.
އަދި ކޮންމެ އަހަރަކުވެސް މުޖުތަމައަށް ލާބައާއި މަންފާ ހުރި ކަންތައް ބޭންކުން އަންނަނީ އިންތިޒާމްކޮށް ބާއްވަމުންނެވެ. ބީއެމްއެލް އިން ބުނި ގޮތުގައި "ޢީދުވެދުން" މިއަދު ކ. މާފުށި އިން ފަށައި، ރާއްޖޭގެ ފަސް ރަށަކުން ނުކުޅެދުންތެރިކަން ހުންނަ 15 ފަރާތަކަށް ޒަމާނީ ފުރޮޅުލީގޮނޑި ހަދިޔާކުރާނެ ކަމަށެވެ.
ބީއެމްލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވެފައިވަނީ، ބީއެމްއެލްއިން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭއިރު، މި ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އޭގެ ހެޔޮ ބަދަލުތަކެއް އައުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.