Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

އައިއެސްއިން 800 އަހަރުގެ މިސްކިތެއް ސުންނާފަތިކޮށްލައިފި: އިރާގު

އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތުން އިރާގުގައި 845 އަހަރު ވެފައިވާ މިސްކިތެއް އިއްޔެގެ ވަގުތެއްގައި ސުންނާފަތިކޮށްލައިފި ކަމަށް އިރާގުގެ ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ.

އިރާގުން ބުނެފައިވަނީ އައިއެސްއިން މިސްކިތް ހަލާކުކޮށްލީ މިހާރު އެގައުމުގެ މޫސަލްގައި ހިނގަމުންދާ ހަނގުރާމާގައި ކުރިމަތިވި ނާކާމިޔާބީއާއި ގުޅިގެން ކަމަށެވެ.

މިމިސްކިތަކީ އެއް އަރިއަކަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ. ދިގު މުންނާރަކާއެކު ހުންނަ މިމިސްކިތަށް 2014 ވަނަ އަހަރުވެސް އައިއެސް އިން ހަމަލާ ދޭން މަސައްކަތް ކުރި ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ނަމަވެސް އެފަހަރު އައިއެސްގެ ހަމަލާ ނާކާމިޔާބުކޮށްލީ އިރާގުގެ ރައްޔިތުން ނިކުމެ މިސްކިތް ވަށާލާ މަގުތައް ފުރާލުމުންނެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވެފައިވަނީ މިސްކިތް ހަލާކުކުރުމަކީ އައިއެސްއިން ބަލި ގަބޫލު ކުރި ކަމުގެ ނިޝާން ކަމަށް ދެކޭ ކަމަށެވެ.

އައިއެސް އިން މިސްކިތް ގޮއްވާލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އަންނަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ނަމަވެސް ހަނގުރާމަވެރި ޖަމާއަތުން ވަނީ މިކަން ދޮގުކޮށް މިއީ އެމެރިކާ އިން ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.