Last Updated: June 23, 11:19
Tuesday, June 23, 2026
ޚަބަރު

އިސްލާމިކް މިނިސްޓްރީ އަށް ފިޔަވަޅު އަޅަން އޭސީސީން ނިންމައިފި

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު: ފޮޓޯ-ވީނިއުސް

މި އަހަރު ހައްޖަށް މީހުން ފޮނުވަން ކުރިމަތިލި ގްރޫޕްތަކަށް ހުއްދަ ދިނީ އެންގި ގޮތާ ޚިލާފަށް ކަމަށް ކަނޑައަޅައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އޭސީސީން ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ކުރިމަތިލި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓު ކުރުމަށް އެންގުމުންވެސް ކޮމިޝަނުގެ އެންގުމަށް މިނިސްޓްރީން ތަބައަވެފައިނުވާ ކަމަށެވެ.

އަދި ފުރަތަމަ ފަހަރު އިވެލުއޭޓު ކުރުމަށް އެންގުމުން ދެވަނަ ފަހަރުވެސް ހުއްދަދިނީ ފުރަތަމަ ފަހަރުވެސް ހުއްދަ ދިން މީހުނަށް ކަމަށް އޭސީސީ އިން ފާހަގަކޮށްފައިވެއެވެ.

މިފަހަރު ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ޒައީ ގްރޫޕެވެ.

މިމައްސަލާގައި އިސްލާމިކް މިނިސްޓްރީން އަމަލު ކުރިގޮތާއި މެދު ހިތްހަމަ ނުޖެހިގެން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވަނީ ދީނީ ކަމެއްގައި މިގޮތަށް އަމަލު ކުރުމަކީ ވަރަށް ހިތާމަކުރަ ކަމެއް ކަމަށެވެ. "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ލުތުފީ ވަނީ މިނިސްޓްރީއާމެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.