Last Updated: June 23, 10:00
Tuesday, June 23, 2026
ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން އިތުރު ފަރުވާ އަށް މާލެ ފޮނުވަނީ

މިއަދު ހަވީރު އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުންވެސް އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ހަމަޖެހިއްޖެ އެވެ.

އާއިލާގެ ފަރާތުން "އައްޑޫލައިވް" އާއި ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ ދެ ޒުވާނުންވެސް އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށާއި އެހެންކަމުން މިހާރު ދަނީ މިރޭގެ ވަގުތެއްގައި ދެމީހުންވެސް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި މުންސިފްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާއިރު ސައިކަލުގައި ދެން ހުރި އާއިޝްގެ ބޮލަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ޕިކަޕުގައި ޖެހި ވިއްސައިގެން ގޮސް އާއިޝްގެ ބޯ އެތާ ހުރި ކޮންކްރީޓު ވަށިގަނޑުގައި ޖެހިފައިވާއިރު މުންސިފް ވަނީ އެތާހުރި ހޮޅި ދަގަނޑުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެޒުވާނުންވެސް މިރޭ ދަންވަރުގެ ފްލައިޓުން މާލެ ފޮނުވުމުގެ މަސައްކަތް ރީޖަނަލް ހޮސްޕިޓަލާއި އާއިލާގެ ފަރާތުން ދަނީ ކުރަމުންނެވެ.

އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި މި ރަމަޟާން މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ. އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުން ވަނީ "ދުވެލިމަތަ" ނަމުގައި އޮޕަރޭޝަނެއްވެސް ފަށާފައެވެ.