Last Updated: June 23, 10:00
Tuesday, June 23, 2026
ކުޅިވަރު

ޗެލްސީ އަށް ކުޅުނު ސަލާހް ލިވަޕޫލަށް ސޮއިކޮށްފި

ކުރިން ޗެލްސީ އަށް ކުޅުނު މިސްރުގެ ޒުވާން ފޯވާޑް މުހައްމަދު ސަލާހް ލިވަޕޫލަށް ސޮއިކޮށްފި އެވެ.

އިޓަލީގެ ރޯމާއިން ސަލާހް ލިވަޕޫލްއަށް ބަދަލު ވެފައިވަނީ 34 މިލިއަން ޕައުންޑުގެ އަގަކަށެވެ. 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި ބޭސެލް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަލާހް ވަނީ ޖެހިގެން އައި އަހަރު ޗެލްސީއަށް ސޮއިކޮށްފައެވެ.

ނަމަވެސް އޭނާ ކުލަބުގައި ހޭދަކުރި ކުޑަ ދުވަސްކޮޅުގައި ޗެލްސީގެ އޭރުގެ މެނޭޖަރު ޖޯސޭ މޮރީނިއޯ ހިތްހަމަ ޖައްސާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފައިވަނީ ސަލާހަކީ އޭނާ އަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށެވެ.

މިދިޔަ ސީޒަނުގައި ރޯމާގައި މުހިއްމު ރޯލެއް އަދާކުރި ސަލާހް ވަނީ 31 މެޗުން 15 ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ލިވަޕޫލް ސަޕޯޓަރުން ސަލާހް ގެނައުމަށް ކެތް މަދުވެފައި ތިބިއިރު އޭނާ ވަނީ ސަޕޯޓަރުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާފައެވެ.

ނަމަވެސް ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ މެދުގައި ސަލާހްގެ އެނބުރި އައުމާއި މެދުވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެއްބަޔަކު އޭނާ ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލްގައި ވިދާލާނެ ކަމަށް ބުނަމުން އަންނައިރު އަނެއް ބަޔަކު ބުނަނީ މޮރީނިއޯ ދޫކޮށްލާނީ ލީގުގައި ކުޅެވޭނެ ފެންވަރު ނެތުމުން ކަމަށެވެ.