Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަސްތުވާތަކެތި ވިއްކަނިކޮށް ހިތަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ހަ މީހަކު އައްޑޫގެ ދެ ރަށަކުން އިއްޔެ ހައްޔަރުކޮށްފައި ވަނިކޮށް، ރޭ ވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކަން އުޅުނު މީހަކު ހިތަދޫން އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި ރޭ މީހަކު ހައްޔަރުކޮށްފައި ވަނީ ކުރިން ސަދަން ޕާކްގެ ނަމުގައި އަދި މިހާރު "ކްރެސް ގާޑްން" ގެ ނަމުގައި ހިތަދޫގައި ހިންގާ ރެސްޓޯރެންޓްގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ޕެކެޓާއި އެއް ޕީސް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި އޭނާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.