Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އޭސީސީ އަންނާނެ ކަމެއް ނެތް، އަޅުގަނޑު ދާނަން: މައުމޫން

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުއްލ ގައްޔޫމާ ބައެއް ސުވާލު ކުރެއްވުމަށް ބޭނުންފުޅު ކަމަށް ވިދާޅުވުމާއި ގުޅިގެން އޭސީސީ އަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

މައުމޫން މިގޮތަށް ވިދާޅުވީ އޮޑިޓް ރިޕޯޓާ ގުޅިގެން ކުރައްވަން ޖެހޭ ސުވާލުތައް ކުރެއްވުމަށް އޭސީސީ އަށް މައުމޫން ހާޒިރު ކުރުމުގެ ބަދަލުގައި ކޮމިޝަންގެ ބޭފުޅުން މައުމޫންގެ އަރިހަށް ވަޑައިގެން ސުވާލު ކުރެއްވުމަށް ނިންމެވި ކަމަށް އޭސީސީގެ ރައީސް ހަސަން ލުޠުފީ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއެމަނިކުފާންގެ އަރިހަށް އޭސީސީ އަންނާނެ ކަމެއް ނެތް ކަމަށާއި އަމިއްލައަށް އޭސީސީއަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށާއި އެކުގައި މީޑިއާއަށް ދެވެން ޖެހޭނެކަމަށެވެ. އަދި މިކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން އިތުރަށް ވިދާޅުވީ އެމަނިކުފާން ނުހައްގު އެއްވެސް ކަމެއް ނުކުރައްވާކަމަށާއި ފޮރުވަންޖެހޭ އެއްްވެސް ކަމެއް ނެތް ކަމަށެވެ.

2007 އަދި 2008 ވަނަ އަހަރުގެ ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އޭރުގެ އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސްގެ މައްސަލައެއް ފުލުހުން ތަހްގީގުކޮށް ވަނީ ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައެވެ.