Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އެކްސިޑެންޓްވި މުންސިފްގެ ބޮލުގެ އޮޕަރޭޝަނެއްކޮށްފި

އިއްޔެ ހަވީރު ހިތަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު މުންސިފް، މިހާރު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައި

ހިތަދޫ ބޮޑު މަގުގައި އިއްޔެ ހަވީރު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްވި ބޮލަށް އަނިޔާވެގެން އިތުރު ފަރުވާ އަށް މާލެ ފޮނުވާލި ދެ މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު މުންސިފްގެ ބޮލުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައިކޮށްފި އެވެ.

ރޭ ދަންވަރު އިމަޖެންސީގައި މާލެ ގެންދިޔަ މުންސިފާއި އާއިޝް ފުރަތަމަ ފަރުވާ ދިނުމަށް ގެން ދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. ނަމަވެސް ފަހުން އައިޖީއެމްއެޗްއިން ވަނީ މުންސިފް ފަރުވާ ދިނުމަށް އޭޑީކޭއަށް ފޮނުވާލައިފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް "އައްޑޫލައިވް" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ސީރިއަސް ގެއްލުން ލިބިގެން ގެނައި ޒުވާނާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް އަދި ދަނީ ރަނގަޅަށް ކަމަށެވެ.

"އޮޕަރޭޝަންކޮށް ނިމިއްޖެ، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

މުންސިފް އާއި އާއިޝްގެ ބޮލަށް ސީރިއަސް އަނިޔާ ލިބުމާ ގުޅިގެން ދެ މީހުންނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދީފައި ވަނީ އައިސީޔޫގަ އެވެ.

މުންސިފްގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އޮޕަރޭޝަނަށް ފަހު މިހާރު މުންސިފް ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދެން ގެއްލުންވި އާއިޝްއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގަ އެވެ.

 

އާއިޝްގެ ބޮލުގެ ނާށިގަނޑުން ދެ ތަނެއް ފަޅައިގެން ގޮސް ކޮންމެވެސް ވަރަކަށް ސިކުނޑި އަށް އޭގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އާއިލާގެ މެމްބަރަކު ބުންޏެވެ. އާއިޝްގެ ބޮލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ނިންމާނީ 24 ގަޑި އިރު ބެލުމަށް ފަހު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އިއްޔެ ހަވީރު ހިތަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓްގައި ސީރިއސް އަނިޔާ ލިބުނު އާއިޝް، މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން: ފޮޓޯ: ސައުދުއްﷲ ހަމީދު

މުންސިފާއި އާއިޝް ތިބި ސައިކަލް އެކްސިޑެންޓްވީ ބާރު ސްޕީޑެެއްގައި ދަނިކޮށް ގޯޅި އަޅަން ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. މި ހާދިސާގައި މުންސިފް އާއި އާއިޝް ވިއްސައިގެން ގޮސް ޖެހުނީ ޕޭވްމަންޓް މަތީގަ އެވެ.