އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ހަވީރު 6 ޖަހާކަށް ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ އެކަކު ސީރިއަސް ހާލަތަށް ގޮސްފިއެވެ.
މަރަދޫ "ޖެނެރަސް" ފިހާރަ ކައިރިން ރަށުތެރޭގައި ހިނގި މިއެކްސިޑެންޓުގައި ސީރިއަސް ހާލަތަށް ގޮސްފައިވަނީ އަލީ މުނީރު ނަމަކަށް ކިޔާ މީހެކެވެ. މި އެކްސިޑެންޓްގައި އޭނާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތުލިބެއެވެ
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓު ހިނގާފައިވަނީ އަލީ މުނީރު އޭނާގެ ދަރިފުޅު ގޮވައިގެން ދުއްވަން ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި އަލީ މުނީރުގެ ދަރިފުޅަށްވެސް ގެއްލުން ތަކެއް ވަނީ ލިބިފައެވެ.
މަރަދޫ ސިއްހީ މަރުކަޒުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ދަރިފުޅު ސިއްހީ މަރުކަޒަށް ގެނައިރު އޮތީ ހޭނެތިފައިކަމަށެވެ. ނަމަވެސް މިހާރު ކުއްޖާގެ ހާލު ރަނގަޅުކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.
އަލީ މުނީރުއަށް މަރަދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އިއްޔެ އިރުއޮއްސުނު ވަގުތު ހިތަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު ދެ ޒުވާނަކަށް ފަރުވާ ދިނުމަށް ރޭ ދަންވަރު ވަނީ މާލެ ގެންދެވިފައެވެ.
އައްޑޫގެ މަގު ތަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ އިރު މިކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާތަނެއް ނުފެނެއެވެ.