Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

މަސްތުވާތަކެއްޗާ ދުރުވާން ބޭނުންތަ، އެކަމަށް ބޭނުން ވަނީ ހިތްވަރު!

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޒުވާނުން މިއަދުގެ މުޖުތަމަޢުގައި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މަސްތުވާތަކެއްޗަކީ އެ ބޭނުން ކުރުމުގެ ސަބަބުން ތިމާއަށް ލިބޭ ގެއްލުމުގެ އިތުރަށް ތިމާގެ އާއިލާއަށާއި މުޖުތަމަޢުގެ އެތައް ބަޔަކަށް އެއިން ގެއްލުން ލިބޭ އެއްޗެކެވެ.

މުޖުތަމަޢުގެ ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކުރި ކަމުގައިވިޔަސް މި ނުރައްކާތެރި ވަބާއިން ދުރުހެލިވާން ބޭނުންވެފައި ތިބި އެތައް ޒުވާނުންނެއް އެބަތިއްބެވެ. ނަމަވެސް، އެހެން މީހުންގެ ފަރާތުން އެކަމަށް ލިބެން ޖެހޭ އެއްބާރުލުން ގިނަ ފަހަރަށް އޮންނަނީ ނުލިބިފައެވެ.

ރިހެބަށް ގޮސް ފަރުވާ ލިބިގަނެގެން އަންނައިރު ދެވަނަ ފަހަރަށް މުޖުތަމަޢު ތިމާ ބަލައިނުގަންނާނެ ކަމުގެ ބިރު ހިތުގައި ވުމުން ކުރިއަށް އަޅަން ނަގާ ފިޔަވަޅުވެސް ފަހަތަށް އަޅަންޖެހެނީ މަދެއްކޮށެއް ނޫނެވެ. ތިބާ ތިއީ އެފަދަ މީހެއް ނަމަ ދޭން އޮތް އުފާވެރި ޚަބަރަކީ އެހެން މީހުންނަށް ނާންގައިވެސް ޑްރަގުގެ ވަބާއިން ސަލާމަތް ވެވިދާނެކަމެވެ.

މުޅިން އާ މާހައުލެއްގައި އާ ދިރިއުޅުމެއް ފަށާށެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފައިފިނަމަ ހަމައެކަނި އެބޭނުންކުރުން ހުއްޓާލުމަކުން ފަރުވާއެއް ނުލިބޭނެއެވެ. އެންމެ މުހިއްމު އެއްކަމަކީ ތިމާ ކުޅިން އުޅުނު ގޮތާއި އުޅުނު މާހައުލާ ދުރުވުމެވެ. މިސާލަކަށް ރައްޓެހިންނާއެކު ކުރީގައި މާގިނަ ވަގުތު ބޭރުގައި ހޭދަކުރާނަމަ އެއާދަތަކަށް ވެސް ބަދަލު ގެންނާށެވެ. ނުބައި ކަންކަމަށް މަގު ދައްކާ މިތުރުންގެ ބަދަލުގައި ހެޔޮކަންކަމަށް މަގުދައްކާ މިތުރުން ޚިޔާރުކުރާށެވެ. މަސްތުވާތަކެއްޗާއި ދުރުވާން މަސައްކަތް ކުރާއިރު ތިމާގެ އާދަތައް ކުރިން ބެހެއްޓިގޮތަށް ބައްޓަންކޮށްފިނަމަ ދާދި އަވަހަށް ތިމާގެ ނަފުސު ކުރީގެ އުޅުމަށް އަނބުރާލާނެއެވެ.

ތެދުވެރިވާށެވެ.

ޑްރަގު ބޭނުންކުރާ މީހެއްނަމަ ދޮގުހަދަން ޖެހެނީ މަދެއް ކޮށެއް ނޫނެވެ. އާއިލާއަށާއި ރައްޓެހިންނަށްވެސް މެއެވެ. ތާއަބަދު ދޮގު ހެދުމުގެ ސަބަބުން އަމިއްލަ ނަފުސާމެދު އޮންނަ އިތުބާރު ގެއްލެއެވެ. އޭގެ ސަބަބުން އަމިއްލަ ނަފުސަށް ނަފުރަތުކުރެވޭ ގޮތް ދިމާވެއެވެ. އެހާހިސާބުން މަސްތުވާތަކެއްޗަށް ޣަރަޤުވެ އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ހަވާނަފުސު ގޮވާލަނީއެވެ. އަބަދު ދޮގުހަދަން އާދަވެފައި ހުރުމުން ތެދުބުނުން އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ކުދިކުދި ކަންކަމުން ފެށިގެން ތެދުބުނަން ފެށުމުން ދޮގު ހެދުމުގެ އާދަ ކެނޑިގެންދާނެއެވެ. ހާއްސަގޮތެއްގައި ތިމާއަށް އިތުބާރުކުރެވޭ ހެޔޮލަފާ ރަހުމަތްތެރިއަކަށް ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔާދިނުން ވަރަށް މުހިއްމެވެ. އޭރުން ތިމާގެ ސިކުނޑިއަށްވެސް ލުޔެއް ލިބި ޑުރަގުގެ ވަބާއާ ދުރުވުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ލިބި އެހީގެ އަތަކަށް ވެގެންދާނެއެވެ.

ކެތްތެރިވެ ހިއްވަރުކުރަން ދަސްކުރާށެވެ.

ގިނަ ފަހަރަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން އެ ބޭނުން ކުރަނީ ފިކުރުތަކުން އެއްކިބާވެފައިވާ އާ ދުނިޔެއެއް ހޯދުމުގެ މަޤްޞަދުގައެވެ. އެހެންކަމުން މަސްތުވާތަކެއްޗާއި ދުރުވުމަށް މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ ހިއްވަރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމާދުކުރުމާއި ދުޢާކުރުމުގެ ތެރެއިން ތިމާއަށް ލިބިފައިވާ ނުތަނަވަސްކަމެއް ފިލުވައިލަން މަސައްކަތް ކުރާށެވެ. ހަމައެއާއެކު، މުޞީބާތަކީ އަބަދަށް ދެމިގެންވާ އެއްޗެއް ނޫންކަމާއި މަސްތުވާތަކެތި ބޭނުންކޮށްގެން ލިބޭނީ ވަގުތީ އުފަލެއްކަން ހަނދާން ބަހައްޓާށެވެ.

މަސްތުވާތަކެތިން ދުރުވާން ބޭނުންވަނީ ހިއްވަރާއި ޢަޒުމެވެ. ތިމާގެ ނަފުސު ސަލާމަތްކުރުމަށް ވަގުތު އޮއްވާ މަސައްކަތް ފަށާށެވެ. މަސްތުވާތަކެއްޗާއި ދުރުވުމަށް އެހީއެއް ބޭނުންވާނަމަ ނޭޝަނަލް ޑްރަގް އޭޖެންސީގެ ހިލޭ ގުޅޭ ނަންބަރ 1410 އަށް ގުޅާލާށެވެ. ހިއްވަރު އެލުވާނުލާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެއެވެ.