Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

"މަސްތުގެ ހާލަތުގައި ތިބި" ދެ ފުލުހުން ދޫކޮށްލައިފި

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ހުޅުމާލެ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޮއެގެން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކޮށް މިމަހުގެ 15 ވަނަ ދުވަހު ހައްޔަރުކުރި ދެ ފުލުހުން ޝަރުތުތަކާ އެކު ދޫކޮށްލައިފި އެވެ.

ހައްޔަރުކޮށްފައިވަނީ ގޮލޮޅު ފުލުސް އިދާރާގައި މަސައްކަތް ކުރާ އަންހެން ފުލުހަކާއި ފިރިހެން ފުލުހެކެވެ. އެނގިފައިވާ ގޮތުގައި މި ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެފުލުހުންނެވެ.

ބަނގުރާ ބޮއެ، މަސްތުވެގެންތިބި ކަމަށް ތުހުމަތުކޮށް ފުލުހުން މި ދެފުލުހުން ހައްޔަރުކޮށްފައިވަނީ މިޖޫން މަހުގެ 15 ވަނަ ދުވަހުގެރޭ މެންދަމު 12:30 އެހާކަށްހާއިރުގައެވެ.

ހައްޔަރުކުރުމަށްފަހު އެދެމީހުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީ އެދޭ ތަނެއްގައި ދެ ފުލުހުންވެސް ފަސް ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ދެފުލުހުންގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާ ކަމެއް ނުވަތަ ނޫންކަމެއް އެނގިފައެއް ނުވެއެވެ. މިމައްސަލައާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ނުލިބިފައެވެ.