މާދަމާ، 25 ޖޫން 2017 އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ބަރަކާތްތެރިވެގެންވާ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު މުސްލިމް ގިނަ ގައުމުތަކެއް ވަނީ އީދު ހަނދު ފެނި، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައެވެ.
ހަނދު ސާބިތުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހިމް އަހުމަދު ވިދާޅުވެފައިވަނީ ޝައްވާލުމަހުގެ ހަނދު ރާއްޖޭގެ އެއްވެސް ރަށަކަށް ފެނިފައިނުވި ނަމަވެސް އިސްލާމީ ގައުމުތަކުން ހަނދު ސާބިތުވެއްޖެ ކަމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.
އެގޮތުން ރަސްމީ ގޮތެއްގައި މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފައިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، އިންޑޮނީޝިއާ އަދި ސިންގަޕޫރު ހިމެނެއެވެ.