Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަދީބްގެ ކަޅީގެ ކުލަ ބަދަލު ވަނީ، ނުރައްކާ ބޮޑު: ވަކީލު

ތިން ކުށެއް ސާބިތުވެ ދޫނިދޫ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރަށް ޖެހިފައިވާ ނުރައްކާތެރި ލޮލުގެ ބަލި، "ގްލޮކޯމާ" ގެ ސަބަބުން އެމަނިކުފާނުގެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފަށާފައިވާކަން ފާހަގަކުރެވޭ ކަމަށް އަދީބުގެ ވަކީލުން ބުނެފިއެވެ.

އަދީބު ވަކީލުންގެ ޓީމުގައި ހިމެނޭ މޫސާ ސިރާޖު ބުނެފައިވަނީ ކަޅީގެ ކުލަ ބަދަލުވެ އަދީބު ހާލު ސީރިއަސް ވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ސަރުކާރުން އާއިލާގެ އެދުމުގެ މަތިން ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް އެއްބަސް ނުވެއެވެ.

ގްލޮކޯމާގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ އަދީބުގެ އާއިލާއިން ބުނެފައިވެއެވެ. މިއީ އަދީބުގެ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ބަލިތައް ކަމަށް އާއިލާއިން ވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕޮލިސް ކޮމިޝަނަރަ އަހުމަދު އަރީފަށް އަދީބުގެ ވަކީލު، މޫސާ ސިރާޖު ފޮނުއްވި ސިޓީއެއްގައި އަދީބުގެ ސިއްހީ ހާލު ދަށްވަމުން އަންނަ ކަމަށް ފާހަގަކުރެވޭތީ މި ޗުއްޓީ ބަންދުގައިވެސް އަދީބުގެ ވަކީލުންނާއި ޖަލުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެދިފައިވެއެވެ.

އަދީބުގެ މައްސަލައާއި ގުޅިގެން ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވެފައިވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވަނީ ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ނަމަވެސް އަދީބުގެ ވަކީލުން ވަނީ އަދީބު ފިލާކަށް ނޫޅުއްވާ ކަމުގެ ޔަގީން ކަން އަރުވާފައެވެ. ވަކީލުން ބުނެފައިވަނީ އަދީބު ހައްޔަރު ކުރުމުގެ ކުރިން ކުރެއްވި ޗައިނާ ދަތުރުގައިވެސް ފިލުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް އަދީބު ވަނީ ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތްނަމަވެސް އެނބުރި ވަޑައިގެންފައިކަމަށެވެ.

ވަކީލުންގެ ބަހަށް ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރައީސުލް ޖުމުހޫރިއްޔާގެ ފުރާނަފުޅު ދުއްވާލުމަށް މަސައްކަތް ކުރުމާއި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެ 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބުގެ ސިއްހީ ފަރުވާ ލިބިގަތުމުގެ ހައްގު ނިގުޅައިގަނެފައިކަމަށް ބުނެ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.