Last Updated: April 25, 18:10
Thursday, April 25, 2024
ދުނިޔެ

ފްރާންސުން އާ ވައްތަރުގެ ތެޔޮ ހޯދުން މަނާ ކުރަނީ

ފްރާންސުގެ ތެޔޮ ނަގާ ބޯޓެއް: ފޮޓޯ - ގެޓީ

ފްރާންސު ސަރުކާރުން ތެޔޮ ހޯދުމާއި ދިރާސާކުރުމަށް ދޭ ލައިސަންސް ބާތިލު ކުރުމަށް ބިލެއް ހުށައެޅުމަށް ނިންމައިފިއެވެ.

ގައުމު ކާބަން ނިއުޓްރަލް ކުރުމުގެ އަމާޒަށް ވާސިލުވުމަށް ފްރާންސް ސަރުކާރުގެ އާ އިކޮލޮޖިކަލް މިނިސްޓަރު ނިކޮލަސް ހުލޮޓް ވިދާޅުވެފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އާ ހައިޑްރޯ ކާބަން ހޯދައި ދިރާސާކުރުމަށް ދޭ ލައިސަންސް ބާތިލުކުރުމަށް ބިލު ހުށައެޅޭނެ ކަމަށެވެ.

ހުލޮޓްއަކީ ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައި އެމަސައްކަތުގައި ބައިވެރިވެވަޑައިގެންފައިވާ މީހެކެވެ. ހުލޮޓް ވަނީ ފްރާންސުގައި ތެލާއި ބޯޓުދެއްޔަށް ނަގާ ޓެކްސް އިތުރުކުރުމަށްވެސް ހުށައަޅާފައެވެ.

ފްރާންސުގެ އާ ރައީސް، އެމަނުއެލް މެކްރޮން ވަނީ އޭނާގެ ރިޔާސީ އިންތިޚާބުގެ ކުރިން ކުރި ކެމްޕޭނުގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރާނެ މަސައްކަތްތަކުގެ ވާހަކަ ވަރަށް ބޮޑަށް ދައްކާފައި އެގައުމުގެ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައެވެ.

އެހެންނަމަވެސް އަލަށް ތައާރަފްކުރާ ތެޔޮ "އެކްސްޕްލޯ" ކުރުން މަނާ ކުރާ ބިލުގެ ސަބަބުން ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ސަރުކާރުން ކުރިމަތިލާން ޖެހިދާނެ ކަމަށް ހުލޮޓް ވަނީ މީގެކުރިން ވިދާޅުވެފައެވެ. ފްރާންސުގެ %75 ހަކަތަ އުފައްދަނީ ތެލުން ކަމަށްވާތީ ތެޔޮ އުފައްދާ ކުންފުނިތަކުން އެފަދަ ބިލަކާއި ދެކޮޅު ހަދާނެ ކަމަށް ހުލޮޓް ވަނީ ލަފާކޮށްފައެވެ.