Last Updated: April 16, 17:07
Tuesday, April 16, 2024
ޚަބަރު

ރާއްޖެއަކީ މާކަނޑުގެ ބިޔަ ޖަޒީރާ ގައުމެއް: ނަޝީދު

ދިވެހި ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއް ނޫން ކަމަށާއި މިގައުމަކީ މާ ކަނޑުގެ ބިޔަ ޖަޒީރާ ގައުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައި ޕާޓީގެ މެމްބަރުންނާއި މުޚާތަބުކޮށެވެ.

ނަޝީދުގެ ބަޔާނުގައި މިއަދު ރާއްޖެ މިއޮތް ހާލަތުން ސަލާމަތްކުރެވި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް ޕާޓީގެ އެންމެހާ މެމްބަރުންގެ ވަގުތު ހޭދަކޮށްދެއްވުމަށް ގޮވާލާފައިވެއެވެ.

އަދި ކުރިއަށް އޮތީ އެޕާޓީގެ ކޮންގްރެސް ކަމަށާއި ކޮންގްރެސްގައި ޕާޓީގެ އައު ވިސްނުމަކާއި ތަސައްވުރެއް ފެނިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އެގޮތުން ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއް ކަމުގައި ނުދެކި، ރާއްޖެއަކީ މާކަނޑުގެ ބިޔަ ޖަޒީރާ ގައުމެއް ކަމަށް ދެކި، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބިޔަބޮޑެތި ގައުމުތަކާއި އެއްވަރުކަމަށް ވިދާޅުވެފައިވެއެވެ.

އަދި ރާއްޖޭގެ އިގްތިސާދަކީ ކަނޑުގެ މުއްސަނދި ކަމުން ހަކަތަ ލިބޭ "ނޫ އިގްތިސާދެއް" ކަމަށް ނަޝީދު ވިދާޅުވިއެވެ.