Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޕާކިސްތާނުގެ ތެޔޮ ޓްރަކެއް ގޮވައި 150 މަރު

ގޮވުމުގައި އަނދާފައިވާ އުޅަނދުތައް: ފޮޓޯ - އީޕީއޭ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިއްޔެ ތެޔޮ ބަރުކޮށްގެން ދިޔަ ލޮރީއެއް ބަންޑުންޖަހާލައި، އޭގައި އަލިފާން ރޯވެ 150 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ޚަބަރު ލިބޭ ގޮތުގައި ލޮރީ ބަންޑުން ޖަހާލުމާއެކު ގިނަ ބަޔަކު ވަނީ ބާލިދީތައް ހިފައިގެން ތެޔޮ ނެގުމަށް ލޮރީ ކައިރިއަށް ގޮސްފައެވެ. އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ ތެޔޮ ނަގަން އަވަސްވެގަތް މީހުނަށް އެސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އެދިފައެވެ.

ތެޔޮ ލޮރީ ގޮވާފާނެ ކަމަށާއި އެސަރަހައްދުގައި ތިބުމަކީ ނުރައްކާތެރި ކަމެއް ކަމަށް އާންމު ރައްޔިތުން ކައިރީ ފުލުހުން ތަކުރާރުކޮށް އެދުމުންވެސް ގިނަ ބަޔަކު ވަނީ އިންޒާރުތަކަށް އިޖާބަނުދީ ތެޔޮ ނެގުމުގައި މަޝްޣޫލުވެފައި ކަމަށް "ސީއެންއެން" އިން ރިޕޯޓުކޮށްފައިވެއެވެ.

ތެޔޮ ލޮރީގައި އަލިފާން ރޯވެ، ބޮޑު ގޮވުމެއް ގޮވައި އެތަނުގައި ތިބި 150 އަށްވުރެ ގިނަ މީހުން ވަނީ މަރުވެ، އިތުރު 100 އަށްވުރެ ގިނަ މީހުނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. "ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތެޔޮ ލޮރީ ގޮވާފައިވަނީ އެތާ ކައިރީގައި ދުންފަތުގެ އިސްތިއުމާލު ކުރަން ތިބި މީހުންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އެސަރަހައްދުގައި ހުރި 73 ސައިކަލެއްވެސް މިގޮވުމުގައި ހަލާކުވެފައިވާއިރު ޕާކުކޮށްފައިތިބި ކާރުތަކެއް ވެސް ވަނީ ހަލާކުވެފައެވެ.

ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމަށް ތައްޔާރުވަމުން އައި ޕާކިސްތާނުގެ އެތައް ރައްޔިތުންނަށް ވަނީ މިހިތާމަވެރި ހާދިސާގެ ސަބަބުން މާޔޫސްކަން ލިބިފައެވެ.