Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހަ ޓީމާ އެކު "ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް" މިރޭ ފަށަނީ

ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް 2017 ގެ ނަމުގައި އަންހެން ކަނބަލުންނަށް ޚާއްސަ މުޅިން އަލަށް ބާއްވާ ފުޓްސަލް ކަޕް މިރޭ ފަށަން ނިންމައިފި އެވެ.

އައްޑޫ އަންހެން ކަނބަލުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ފުޓްސަލް ވެފައިވާ އިރު ޒުވާން އަންހެނުންގެ ތަރުހީބު އަންނަނީ ފުޓްސަލް އަށް ލިބެމުންނެވެ.

އެގޮތުން މިއަހަރު މުޅިން އަލަށް ގޯދިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގައި ހަ ޓީމު ވަނީ ބައިވެރިވެފައެވެ. 2 ގްރޫޕަކަށް ޓީމުތައް ބަހާލެވިފައިވާއިރު ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ތިން ޓީމެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނެނީ އެފްސީ ހަބޭސް، އަވަ އެފްޓީ އަދި މައިލޯ ވިމެންސްއެވެ. ގްރޫޕް ބީގައި ހިމެނެނީ އެފްސީ ޒެފިއާ، އޭޓީޑަބްލިއު އަދި މަރަދޫ އެފްސީއެވެ.

މިރޭ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ގްރޫޕް އޭ ގެ ދެޓީމު ކަމަށްވާ އެފްސީ ހަބޭސް އަދި އަވައެފްޓީއެވެ. މިމެޗު ފެށޭނީ މިރޭ 20:30 ގައެވެ. މިރޭ ދެން ކުޅޭނީ ގްރޫޕް ބީ ގެ އެފްސީ ޒެފިއާ އަދި އޭޓީޑަބްލިއުއެވެ. މިމެޗު އޮންނާނީ 21:30 ގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގައެވެ. ޗެމްޕިއަން ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. ރަނަރަޕް ޓީމަކަށް 8،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މިޓްސުބުޝީ މެރިން އިންޖީންސްއެވެ. ޓްރެވަލް ޕާޓްނަރަކީ ސްރީލަންކަން އެވެ. ޓެލެކޮމް ޕާޓްނަރަކީ އުރީދު އެވެ. މީގެ އިތުރުން ޑްރިންކް ޕާޓްނަރުގެ ގޮތުގައި "ބިގް ބޮސް" ހަމަޖައްސާފައިވާ އިރު ސްޕޯޓްސް ޕާޓްނަރަކީ ފަލަކް ސްޕޯޓްސް އެވެ. ކެޓަރިން ޕާޓްނަރަކީ މަރަދޫ "ކިއު ކޯނާ" އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ "އައްޑޫ ލައިވް"އެވެ.