Last Updated: July 15, 10:56
Wednesday, July 15, 2026
ޚަބަރު

"އަހަރަކު 500 އަށް ވުރެ ގިނަ މީހުން ޑްރަގުން ސަލާމަތް ކުރެވިފައިވޭ"

ފޮޓޯ:ވީމީޑިއާ

ފާއިތުވެ ދިޔަ ތިން އަހަރުތެރޭ ކޮންމެ އަހަރަކު 500 އަށް ވުރެ ގިނަ މީހުން މަސްތުވާތަކެތިން ސަލާމަތް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގަ އެވެ.

އެ ބަޔާނުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކޮށް ބޭނުންކުރާ މިންވަރު މިހާރު ވަރަށް ބޮޑުތަން މަދުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ލިބިގަނެ މުޖުތަމަޢަށް ނުކުންނަން ބޭނުންވާ ފަރާތްތައް ބަލައިގަނެ މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު ދިނުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއްކަމުގައި ހެދުމަށް މިނިސްޓަރގެ ބަޔާނުގައި ވެއެވެ.

ހަމައެހެންމެ، މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށް ނޭޝަނަލް ޑްރަގު އޭޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަން ފާހަގަކުރައްވާ އަޒްލީން ވަނީ ޝުކުރު ދަންނަވާފައެވެ.