Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ވައިޓް ހައުސްގައި މޯދީ ޓްރަމްޕާ ބައްދަލުކޮށްފި

އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ބައްދަލުކޮށްފި އެވެ.

ދެ ލީޑަރުންގެ ފުރަތަމަ ބައްދަލުވުމުގައި ކޮނޑާއި ކޮނޑު ޖައްސައި ސަލާން ކުރައްވާފައިވާއިރު އެންމެ ފުރަތަމަ ވެސް އައިސްފައި ވަނީ ޕާކިސްތާނަށް އިންޒާރެކެވެ.

ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ޕާކިސްތާނަކީ ޓެރަރިސްޓު ހަމަލާތަކަށް ޖާގަދޭ ފަސްގަނޑަކަށް ނުހެދުމަށް ގޮވާލާފައިވެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ބައެއް ޓެރަރިސްޓު ޖަމާއަތްތައް ޕާކިސްތާނުގައި ހަރަކާތްތެރިވެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޕާކިސްތާނުގެ ބައެއް ޓެރަރިސްޓުން ހޯދުމަށް އެމެރިކާއިން ކުރި މަސައްކަތް އިންޑިޔާއިން "ގަބޫލުކޮށްފައިވާ" ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދެލީޑަރުން ވަނީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށްވެސް ވާހަކަ ދައްކާފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އޮތީ މާ ވަރުގަދަ ވެފައި ކަމަށެވެ. އަދި ކައިރި މުސްތަގުބަލުގައި ހަކަތައިގެ ގިނަ ވަސީލަތްތައް އެގައުމަށް ފޮނުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެއީ ތެލާއި ގޭސް ފަދަ ތިމާވެއްޓާއި ދުރު ހަކަތަތަކެވެ.

މޯދީ ވިދާޅުވެފައިވަނީ އެމެރިކާއަކީ އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން އިންޑިޔާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އަދި ޓްރަމްޕުގެ އެމެރިކާ އަލުން ވަރުގަދަކުރުމަށް ފެށި ކެމްޕޭނަށް ތާއީދު ކުރާ ކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.