Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ގަތަރަށް ފިޔަވަޅު އެޅި ގައުމުތަކުގެ މުދާ އިމްޕޯޓް ނުކުރަން ނިންމައިފި

ގަލްފް ސަރަހައްދުގައި އުފެދިފައިވާ ކޯޅުމުގައި ގަތަރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން އުފައްދާ ތަކެއްޗާއި މުދާ ގަތަރަށް އިމްޕޯޓު ނުކުރަން އެގައުމުން ނިންމައިފި އެވެ.

ގަތަރާއި ދެކޮޅަށް ފިޔަވަޅު އެޅި ސައުދީ، ޔޫއޭއީ، މިސްރު އަދި ބަހުރެއިންގެ މުދަލާއި އުފެއްދުންތައް އެގައުމަށް އެތެރެނުކުރުމަށް ނިންމާފައިވަނީ ގަތަރުގެ ވިޔަފާރިވެރިންނާއި އިމްޕޯޓު އެކްސްޕޯޓުކުރާ ބޮޑެތި ކުންފުނިތަކުގެ އެދުމުގެ މަތިން ކަމަށް އެގައުމުގެ ޗެމްބާ އޮފް ކޮމާސްއިން ހާމަކޮށްފައިވެއެވެ.

ފަތުރުވެރިކަމުގައި އިންގިލާބެއް ގެނެސްފައިވާ ގަތަރަކީ ކޮންމެ ދުވަހަކު ތަފާތު އެތައް ބާވަތެއްގެ މޭވާއާއި ތަރުކާރީ އަދި ކާބޯތަކެތީގެ ބާވަތްތައް ސައުދީއާއި ޔޫއޭއީއިން އިމްޕޯޓު ކުރާ ގައުމެކެވެ. ނަމަވެސް ސައުދީ އިސްވެ ގަތަރާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްފަހު ގަތަރާއި އެންމެހާ ގުޅުންތައް ކަނޑާލުމުން ގަތަރަށް ކާބޯތަކެތި އެތެރެ ކުރަމުން އައީ އިރާނާއި ތުރުކީއިންނެވެ.

އިރާނުން ކަނޑުގެ މަގުން ގަތަރަށް ކާބޯތަކެތި އިމްޕޯޓުކުރަމުން ގެންދާއިރު ތުރުކީއިން ދަނީ ވައިގެ މަތިން ކާބޯތަކެތި އިމްޕޯޓުކުރަމުންނެވެ. އިރާނުގެ ތިން ބަނދަރަކުން ކޮންމެ ދުވަހަކު ގަތަރަށް 1110 ޓަނުގެ ކާބޯތަކެތި ދަނީ އެތެރެކުރަމުންނެވެ. ތުރުކީއިން 400 ޓަނުގެ ކާބޯތަކެތި ވަނީ ވައިގެ މަގުން އެތެރެކުރަން ފަށާފައެވެ.

މީގެ ސަބަބުން މިދެގައުމަށް ވިޔަފާރީގެ ގޮތުން އިންތިހާއަށް ފައިދާވަމުންދާއިރު ސައުދީއާއި ޔޫއޭއީއަށް އިގްތިސޯދީ ގޮތުން ގަތަރު ގެއްލުމާއެކު ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.