އައްޑޫގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ “އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނުގައި ފުލުހުން ރެ އާއި ދުވާލު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި ދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރެވުނު މަސައްކަތްތަކަށް ބަލާ އިރު މި މުއްދަތުގައި 1،329 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި 822 ފަރާތެއް ބަލައި ފާސްކޮށްފައިވާ އިރު 1،049 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ.
އައްޑޫގައި ފުލުހުން ފެށި މި އޮޕަރޭޝަނުގައި ތަފާތު ކުށްތަކަށް އަމާޒްކޮށްގެން ކުރަމުންދާ މަސައްކަތުގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާލާ އިރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން އައްޑޫ ސީޓީގެ ޕޮލިސް ސްޓޭޝަންތަކަށް 132 މީހަކު ހާޒިރުކޮށްފައިވާ އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 145 ޕެކެޓެއް ތަފާތު އެކި މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ހޯދާފަ އެވެ.
މީގެ އިތުރުން ވެސް ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ފުޅިއެއް ވެސް ފުލުހުން ހޯދާފައި ވާ އިރު އެހެނިހެން މައްސަލަތަކާ ގުޅިގެން 130 މީހަކު ވަނީ ޕޮލިސް ސްޓޭޝަންތަކަށް ހާޒިރުކޮށްފަ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުންވެސް ޓްރެފިކަށް ހާއްސަކޮށްގެން ފުލުހުން ކުރަމުންދާ މަސައްކަތުގައި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫގެ އެކި ސަރަޙައްދުތަކުގައި 36 ވީސީޕީއެއް ޖަހާފައިވާ އިރު މި މުއްދަތުގައި 1،552 ވެހިކަލް ވަނީ ޗެކްކޮށްފަ އެވެ.
އަދި މި މުއްދަތުގައި ނުރައްކާތެރިކޮށް ދުއްވައިގެން 15 ވެހިކަލެއް ޓޯކޮށްފައިވާ އިރު އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ ހިލާފުވި 35 ފަރާތެއް ލައިސެންސް ވަނީ ހިފަހައްޓައިފަ އެވެ.
މީގެއި ތުރުން ވެސް ހެދިފައިވާ ޤަވާއިދުތަކާއި ހިލާފުވެގެން 49 ވެހިކަލެއް ޓޯ ކުރެވިފައިވާ އިރު ޓެރެފިކާ ގުޅޭ އެހެނިހެން މައްސަލަތަކުގައި 67 ފަރާތެއް އައްޑޫ ޕޮލިސް ސްޓޭޝަންތަކަށް ވަނީ ހާޒިރުކޮށްފަ އެވެ.
ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ ފުލުހުންނާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެކި މައްސަލަތަކާ ގުޅިގެން 18 އަހަރުން ދަށުގެ 30 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު މި އޮ ޕަރޭޝަނުގައި ތަފާތު މައްސަލަތަކުގެ ކުށުގެ ވެށިން 5،4000ރ އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ޕްރޮޖެކްޓަރަކާއި ލެޕް ޓޮޕެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ގިނަ ޢަދަދެއްގެ ސާމާނުތަކަކާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ޕެކެޓްތަކާއި މަސްތުވާތަކެތި ބަން ދުކުރުމަށް ބޭނުން ކުރާ ސާމާނުތައް ފުލުހުން ހޯދާފައި ވެ އެވެ.