Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު

ޝައިނީގެ އިސްތިއުފާ އަށް މެމްބަރު ތޯރިގް ގޮވައިފި

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު، މުހައްމަދު ތޯރިގް ގޮވާލައްވައިފި އެވެ.

ޓޮމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވަމުން ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކީ ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާ ތަމްސީލް ކުރާ މެމްބަރުގެ ހައިސިއްޔަތުން ދެކޭތީ ޝައިނީ އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ.

ޓޮމް ވަނީ މީގެ ކުރިންވެސް މިނިސްޓަރު ޝައިނީގެ "ނާގާބިލު" ކަމަށް ރިއާޔަތްކޮށް ވާހަކަ ދައްކަވާފައެވެ. ސަރުކާރުގެ "ބެޔަސް ނުބެޔަސް" ސިޔާސަތު ތިން އަހަރުވީ އިރުވެސް ކާމިޔާބުވެފައިނުވާ ކަން ޓޮމް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ "ރެގިއުލޭޓްރީ ބޮޑީއެއް" އުފައްދަން ހުށައެޅި ނަމަވެސް އެކަންވެސް ކުރެވިފައިނުވާ ކަން ތޯރިގް ވަނީ ފާހަގަކޮށްފައެވެ.

ޓޮމް ވަނީ މިނިސްޓަރު ޝައިނީއާއި ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާއި "ޖާއިޒު ނޫން ގުޅުމެއް" އޮންނަ ކަމަށްވެސް ވިދާޅުވެ ވަރަށް ބޮޑަށް ޝައިނީއަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރަކު މިނިސްޓަރެއްގެ އިސްތިއުފާއަށް ގޮވުމާއި ގުޅިގެން އަދި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.