Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

މޯލްޑިވިއަނުން 50 މީހަކަށް ދެކޮޅު ޓިކެޓް ހިލޭ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިފަހަރުގެ ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމަށް ނަސީބުވެރި 50 ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެވެސް އެއް މަންޒިލަކަށް ދެކޮޅު ޓިކެޓު ހިލޭ ދީފި އެވެ.

މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި އީދު ހަދިޔާ ހޮވާފައިވަނީ އީދު ދުވަހު މޯލްޑިވިއަން އިން ދަތުރުކުރި ހުރިހާ ފަސިންޖަރުންގެ ތެރެއިން މެދުގައި ގުރުއަތު ލައިގެންނެވެ.

މޯލްޑިވިއަންގެ މިފަހަރުގެ އީދު ހަދިޔާ ލިބުނު ކަސްޓަމަރުން ވަނީ އުފަލާއެކު މިއީދު ހަދިޔާ ބަލައިގެންފަ އެވެ. މިއީ ދިވެހި ރާއްޖޭގެ އެއާލައިނަކުން މިފަދަ ހަދިޔާއެއް ކަސްޓަމަރުންނަށް ދިން ފުރަތަމަ ފަހަރެވެ.

އީދާ ދިމާކޮށް މޯލްޑިވިއަން އަށް ކޮންމެ ފަހަރަކުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ.

މިފަހަރުގެ އީދު ބަންދުގެ ގޮތުގައި އެއް ހަފްތާ ވަނީ ޗުއްޓީގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

އެހެންކަމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އީދާ ދިމާކޮށް އެކިއެކި ރަށް ރަށަށާއި ރިސޯޓުތަކަށް ޗުއްޓީ ހޭދަކޮށްލުމަށް ދަތުރުކޮށްފައެވެ.